ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމުގައިވާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރާއި ގުޅިގެން، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު މިއަދު ހަވީރު ހާއްސަ ފުޓްބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި މެޗުގައި އިޓަލީގެ ވޯލްޑް ކަޕް ތަރި މާކޯ މަޓެރާޒީ ވެސް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ.
އިންފަންޓީނޯ މިއަދު ހެނދުނު ރާއްޖެ ވަޑައިގަންނަވާނީ 19 އަހަރު ފަހުން ފީފާގެ ރައީސަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުގެ ގޮތުގައެވެ. މި ދަތުރުގައި ރައީސް މުޢިއްޒުއާއި ފީފާގެ ރައީސް ބައްދަލުކުރައްވައި ރާއްޖޭގެ ފުޓްބޯޅަ ދާއިރާ ތަރައްޤީކުރެއްވުމާއި ގުޅޭ މުހިންމު މަޝްވަރާތައް ބާއްވަން ހަމަޖެހިފައިވާކަމަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ވަނީ ބުނެފައެވެ.
އެފްއޭއެމުން ބުނެފައިވާ ގޮތުގައި އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމާއި ގުޅިގެން ބާއްވާ ހާއްސަ ފުޓްބޯޅަ ހަރަކާތްތައް މިއަދު ހަވީރު 4:00 އިން 6:00 އަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާނެއެވެ. މި ހަރަކާތްތަކުގައި ރައީސް މުޢިއްޒު އާއި އިންފަންޓީނޯގެ އިތުރުން ރާއްޖޭގެ އެކަޑަމީތަކާއި ކުލަބުތަކުގެ ޒުވާން ކުޅުންތެރިން ވެސް ފުޓްބޯޅައިގެ ހުނަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މި މެޗުގައި އިޓަލީ ގައުމީ ޓީމަށް 2006 ގެ ވޯލްޑް ކަޕް ހޯދައިދިން ޓީމުގައި ކުޅުނު ކުޅަދާނަ ދިފާއީ ކުޅުންތެރިޔާ މާކޯ މަޓެރާޒީ ބައިވެރިވުމަކީ އިވެންޓަށް އިތުރު ފޯރިއެއް ގެނެސްދޭނެ ކަމެކެވެ.
އެފްއޭއެމް އިން ވަނީ ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ މެންބަރުންނާއި، ފުޓްބޯޅައަށް ލޯބިކުރާ ހުރިހާ މީހުންނަށް، މި ހާއްސަ ހަރަކާތުގައި ބައިވެރިވުމަށްޓަކައި ގައުމީ ފުޓްބޯޅަ ދަނޑަށް ހާޒިރުވުމަށް ދައުވަތު ދީފައެވެ.
މީގެ ކުރިން ފީފާގެ ރައީސަކު ރާއްޖެ ވަޑައިގެންފައި ވަނީ މީގެ 19 އަހަރު ކުރިން 2006 ވަނަ އަހަރުއެވެ. ފީފާގެ ރައީސަކު ރާއްޖެ އަށް ކުރެއްވި ފުރަތަމަ މި ޒިޔާރަތުގައި އެއިރުގެ ރައީސް ސެޕް ބެލްޓާ، 2006 ވަނަ އަހަރު ރާއްޖެ އަށް ކުރެއްވި މި ޒިޔާރަތަކީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ރައީސް މުޢިއްޒު އާއި ފީފާގެ ރައީސް ބައިވެރިވާ ފުޓްބޯޅަ މެޗެއް މިއަދު، މަޓެރާޒީ ވެސް ކުޅޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ