ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފޯރުކޮށްދޭ ވީއައިޕީ ސެކިއުރިޓީ، އެ ބޭފުޅުން މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ވަގުތުތަކުގައި ނުދޭގޮތަށް ’އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު‘ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ (241) ކޮމިޓީން އަންގާރަ ދުވަހު ނިންމައިފިއެވެ.
މި އުސޫލު އިސްލާހުކުރުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި އިސްލާހު ފާސްވެގެންދިޔައީ ކޮމިޓީގައި ބައިވެރިވި ޕީއެންސީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ނިންމުމާ ދެކޮޅަށް ތިން މެންބަރަކު ވޯޓު ދެއްވާފައިވެއެވެ. އެއީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ އާއި، މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެންބަރު މުހައްމަދު ނާޒިމްގެ އިތުރުން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އިއްޔެގެ ކޮމިޓީ ބައްދަލުވުން ފެށުމާއެކު ސިއްރުކޮށްފައިވާތީ، މި އުސޫލަށް ބަދަލު ގެންނަން ނިންމި ސީދާ ސަބަބެއް ސާފުވެފައެއް ނުވެއެވެ.
ކުރީގެ ރައީސުންނަށް ދޭ ސެކިއުރިޓީއަށް ބަދަލު ގެންނަން މި ނިންމީ، މިހާރުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު އިއްތިހާދުވެ މަސައްކަތްތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ޚާއްޞަކޮށް އެމްޑީޕީން ބާއްވާ މަގުމަތީގެ ހަރަކާތްތަކުގައި ރައީސް ނަޝީދާއި ރައީސް ސޯލިހު ދޭތެރެއަކުން ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކުރެވެއެވެ.
މި ނިންމުމާއެކު، ކުރީގެ ރައީސުން ސިޔާސީ މުޒާހަރާތަކަށް ނުކުމެވަޑައިގަންނަވާ ވަގުތުތަކުގައި ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓީ މެދުކަނޑާލެވޭނެއެވެ.
ކުރީގެ ރައީސުން މުޒާހަރާއަށް ނުކުމެ އުޅޭއިރު ސިފައިންގެ ސެކިއުރިޓީ ނުދޭން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ