ވެނެޒުއޭލާއަށް ކައިރި ކައިރީގައި ދެ ބިންހެލުންތަށް އައިތާ ހަ ދުވަސް ފަހުން، އިމާރާތެއްގެ ދަށުން ތިން އަހަރުގެ ފިރިހެން ކުއްޖަކު ދިރިހުއްޓާ ފެނިއްޖެ އެވެ.
ވެނެޒުއޭލާގެ ވަގުތީ ރައީސް ކްލީބާ މޮރާންގެ ނަމުން ނަންދެއްވާފައިވާ މި ކުއްޖާ، ލާ ގުއައިރާ ސްޓޭޓްގެ އިމާރާތެއްގެ ދަށުން ސަލާމަތްކުރީ އުރުދުންގެ މީހުން ސަލާމަތްކުރާ ޓީމަކުންނެވެ. މިއީ ހަ ދުވަސް ފަހުން އިމާރާތެއްގެ ދަށުން ދިރިހުއްޓާ މީހަކު ފެނުނު ފުރަތަމަ ފަހަރެވެ.
އުރުދުންގެ ސިވިލް ޑިފެންސްއިން ބުނި ގޮތުގައި ކްލީބާއަށް ފުރަތަމަ އެހީގެ ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ރަނގަޅެވެ. ވެނެޒުއޭލާގެ އެސެމްބްލީގެ ރައީސް ޖޯޖް ރޮޑްރިގޭޒް ވިދާޅުވި ގޮތުގައި އެ ކުއްޖާއަށް ފަރުވާ ދެމުންދަނީ ވެރިރަށް ކަރަކަަސްގައެވެ.
ވެނެޒުއޭލާއަށް މިދިޔަ ހަފުތާގައި އައި 7.2 އާއި 7.5 މެގްނިޓިއުޑްގެ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1,943 އަށް އަރައިފަ އެވެ. އަދި 10,000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، އެތައް ހާސް ބަޔަކު އަދިވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.
ނާސާގެ ސެޓެލައިޓް މައުލޫމާތުގެ ފުރަތަމަ އަންދާޒާތަކުން ދައްކާ ގޮތުގައި، މި ބާރުގަދަ ބިންހެލުންތަކުގެ ސަބަބުން 58,870 އިމާރާތެއް ބިމާހަމަވެ ނުވަތަ ގެއްލުން ލިބިފައިވެ އެވެ.
ވެނެޒުއޭލާއަށް ބިންހެލުން އައިތާ 6 ދުވަސް ފަހުން 3 އަހަރުގެ ކުއްޖަކު ދިރިހުއްޓާ ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ