މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހުންނަ މެލޭޝިއާ އިންޓަނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ 20 ވަނަ މެލޭޝިއާ އިންޓަނޭޝަނަލް ޑައިވް އެކްސްޕޯގައި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބައިވެރިވެ ރާއްޖޭގެ ކަނޑުފަޅުގެ ރީތިކަމާއި ސަފާރީ އުޅަނދުތަކުގެ ތަޖުރިބާ އިޝްތިހާރު ކޮށްފި އެވެ.
އެންބީއޭއެމްއިން ބުނީ ޖޫން 5-7 އަށް ބާއްވާ މި މައުރަޒަކީ ރާއްޖޭގެ މެރިން ޓޫރިޒަމާއި ލިވަބޯޑް ދާއިރާގެ އިތުރުން ޑައިވިން ސިނާއަތް އޭޝިއާގެ ބާޒާރުގައި ފުޅާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ. ދަތުރުފަތުރުގެ އާދަކާދައަށް އަންނަމުންދާ ބަދަލުތަކާއެކު، އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއަކީ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ކަނޑައެޅުމަށް މިއީ އެންމެ މުނާސަބު ވަގުތު ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.
މި މައުރަޒުގައި ބައިވެރިވާ ދިވެހި ވަފުދުން ދަނީ ސަރަހައްދީ ޓުއާ އޮޕަރޭޓަރުންނާއި ޑައިވް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކާ ބައްދަލުކޮށް، ރާއްޖޭގެ ކަނޑުތަކުގެ މުއްސަނދިކަމާ ބެހޭ މައުލޫމާތު ހިއްސާކުރަމުންނެވެ.
އެންބީއޭއެމްގެ ޕެވިލިއަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ މަތީ ފެންވަރުގެ ލިވަބޯޑްތަކާއި ޑައިވް ސަފާރީތަކުގެ މައުލޫމާތު ދަނީ ފޯރުކޮށްދެމުންނެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މިފަދަ އުޅަނދުތަކުން ލިބޭ ތަޖުރިބާއަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ހޯދަން އުނދަގޫ ފުރުސަތުތަކެކެވެ.
"މައިޑް 2026 ގައި ބައިވެރިވުމުން ޑައިވް ކުރުމަށް ޝައުގުވެރިވާ، މަތީ ފަންތީގެ ފަތުރުވެރިންނާ ސީދާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭ،" އެންބީއޭއެމް އިން ބުންޏެވެ.
"ކައިރި ގައުމަކަށް ވުމާއި ސީދާ ފްލައިޓްތައް ހުރުމަކީ އޭޝިއާ މާކެޓުން ރާއްޖޭގެ ބޯޓިން އަދި ޑައިވް ދާއިރާއަށް ބޮޑު ކުރިއެރުމެއް ހޯދުމަށް އޮތް އެންމެ ފަހި ފުރުސަތު."
މައިޑް ފަދަ ބައިނަލްއަގުވާމީ ބޮޑު އެކްސްޕޯތަކުގައި މެދުނުކެނޑި ބައިވެރިވުމުން، ރާއްޖޭގެ މެރިން އިންޑަސްޓްރީގެ ފެންވަރު މަތިވެ، އާ ޕާޓްނާޝިޕްތައް އުފެދި، ކަނޑު އަޑީގެ ދުނިޔެ ބަލާލުމަށް ދުނިޔޭގައި އޮތް އެންމެ ކުރިއަރާފައިވާ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް ބޮޑު ބާރަކަށް ވެގެންދާން ކަމަށް އެންބީއޭއެމް ބުންޏެވެ.
މެލޭޝިއާގެ ޑައިވް އެކްސްޕޯގައި ރާއްޖޭގެ ބޯޓިން ސިނާއަތާއި ކަނޑުފަޅުގެ ރީތިކަން އިޝްތިހާރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ