ފިލްމު 'ބޯޑާ 2' ކުރީގެ ފިލްމާ އަޅާ ނުކިޔުމަށް އެދެފި
މި މަހު ސިނަމާތަކަށް ގެންނަން ތައްޔާރަށް އޮތް ފިލްމު "ބޯޑާ 2" ކުރީގެ ފިލްމު "ބޯޑާ"އާ އަޅާ ނުކިޔުމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ނިދީ ދައްތާ ބެލުންތެރިންގެ ފަރާތުން އެދެފިއެވެ. ނިދީ ދައްތާ މިގޮތަށް އެދިފައި ވަނީ ފިލްމުގެ ޓީޒާ ބެލުމަށްފަހު ކުރީގެ ފިލްމު "ބޯޑާ"ގެ ރެކޯޑު ދެވަނަ ފިލްމަށް މުގުރާލެވިދާނެ ކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަން ފެށުމުންނެވެ. ސޯޝަލް މީޑިއާގައި މިކަމާ ގުޅިގެން ބޮޑު ބަހުސެއް ފެށުމާ އެކު "ބޯޑާ 2"ގެ ޕްރޮޑިއުސަރު ނިދީ ދައްތާ ބުނެފައި ވަނީ އެ ފިލްމު އުފެއްދީ ކުރީގެ ފިލްމުގެ ރެކޯޑު މުގުރާލުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އެހެންވެ ދެ ފިލްމު އަޅާނުކިޔުމަށް އޭނާ ވަނީ އެދިފައެވެ. ނިދީ އިތުރަށް ބުނީ 1997 ވަނަ އަހަރު އޭނާގެ ބައްޕަ ޖޭޕީ ދައްތާ ގެނެސްދިން ފިލްމު "ބޯޑާ" އަކީ މާސްޓަޕީސްއެއް ކަމަށެވެ. އެ ފިލްމަކީ ވެސް އިންޑިއާގެ އަސްކަރިއްޔާގައި ހަރަކާތްތެރިވާ އޮފިސަރުންގެ ވާހަކަ ގެނެސްދިން ފިލްމެއް ކަމަށާއި ދެވަނަ ފިލްމުގައި ވެސް ކިޔައިދޭނީ އިންޑިއާގެ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ އަސްކަރީ އޮފިސަރުންގެ ދިރިއުޅުމުގެ ވާހަކަތައް ކަމަށް ނިދީ ވަނީ ބުނެފައެވެ. 1997 ވަނަ އަހަރު ގެނެސްދިން "ބޯޑާ"ގެ ޑައިރެކްޓަރު ޖޭޕީ ދައްތާ އަދި "ބޯޑާ 2"ގެ ޑައިރެކްޓަރު ނިދީ ދައްތާ--ފޮޓޯ/ޕިންކްވިލާ މި މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ބޯޑާ 2" ގެނެސްދެނީ ފުރަތަމަ ފިލްމު ގެނެސްދިން ޖޭޕީ ފިލްމްސް އަދި ޓީ-ސީރީސް ބެނާގެ ދަށުންނެވެ. ސުމިތު އަރޯރާގެ ސްކްރީންޕްލޭއަކަށް ތައްޔާރުކުރާ ފިލްމު "ބޯޑާ 2"ގެ ކާސްޓުގައި ހިމެނެނީ ސަނީ ޑިއޯލް، ވަރުން ދަވަން، ދިލްޖީތު ދޮސާންޖް އަދި އަހާން ޝެޓީއެވެ. ނިދީގެ ބައްޕަ ޖޭޕީ ދައްތާ ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސްކުރި 1997 ވަނަ އަހަރުގެ ފިލްމު "ބޯޑާ"ގެ ކާސްޓުންގެތެރޭ ހިމެނެނީ ސަނީ ޑިއޯލް، ސުނިލް ޝެޓީ، ޖެކީ ޝްރޮފް އަދި އަކްޝޭ ކަންނާ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ