ވަންކްރީޑްގެ "އެންމެންގެ ސާހިބާ" - ވަރަށް ޝައުގުވެރި ސީރީޒެއް

ވަންކްރީޑް ސްޓޫޑިއޯއާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އާދަމް ޝަމީމް ބިން އިބްރާހިމް ގުޅިގެން "އެންމެންގެ ސާހިބާ" ނަމުގައި ކީރިތިރަސޫލާمحمدﷺގެ ސިޔަރަތުގެ ސިލްސިލާއެއް ގެނެސްދޭން ފަށައިފި އެވެ.
މި ރަމަޟާން މަހަށް ހާއްސަކޮށްގެން ގެނެސްދޭން ފެށި "އެންމެންގެ ސާހިބާ" ގެ ސީރީޒްގެ އެޕިސޯޑްތައް މިހާރު ވަނީ އާންމުކުރަން ފަށާފަ އެވެ. މި ސިލްސިލާގެ ކޮންމެ އެޕިސޯޑެއްގައި ވެސް ވާހަކަތައް ހުށައަޅައިދީފައިވަނީ ރާއްޖޭގައި އަދި މިހާތަނަށް ސީރަތު ހުށައަޅައިދީނުވާ މުޅީން ތަފާތު އައު އުސޫލުބެއްގަ އެވެ.
އެންމެ ފާހަގަކުރެވޭ ކަމަކީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އަޑާއި މަންޒަރު އެކުލެވޭހެން ގެނެސްދީފައިވުމެވެ. އެކަމުގެ ސަބަބުން ވަރަށް ބޮޑު ޝައުގުވެރި ކަމެއް އުފައްދައިދެ އެވެ. އަދި ޑރ. އާދަމް ޝަމީމް, ހުށައަޅުއްވައި ދެއްވަމުން ގެންދަވަނީ ބެލުންތެރީންނަށް އެ މައުލޫމާތުތައް ހަނދާނުގައި ބަހައްޓަން ފަސޭހަވާނެހެން ކުރުކޮށް, ޚުލާސާކޮށެވެ. މީގެ އިތުރުން އަޅުގަނޑުމެންގެ ދިރިއުޅުމުގައި އަމަލުކުރުމަށްޓަކައި ކީރިތި ރަސޫލާﷺގެސިޔަރަތުން ފިލާވަޅުތަކާއި ދަރުސްތައް ލިބޭނެހެންނެވެ.
ޑރ. އާދަމް ޝަމީމް ވިދާޅުވި ގޮތުގައި ގޮތުގައި "އެންމެންގެ ސާހިބާ" މި ސިޔަރަތު އެކުލަވައިލުމުގައި މައިގަނޑު ބަލާފައިވަނީ ކީރިތި ޤުރުއާނާއި ކީރިތިރަސޫލާﷺގެ ސުންނަތަށެވެ. އެގޮތުން އިތުރުބާރު ހުރި ސުންނަތުގެ ފޮތްތަކުން މުޙައްދިޘުންގެ ތަޙުޤީޤުތަކަށް ބަލައި ޞައްޙަ (ރަނގަޅު) ރިވާޔަތްތަކުގެ އަލީގައި ކަމަށްވެސް ވިދާޅުވި އެވެ.
އަދި ކީރިތި މާތް ނަބިއްޔާﷺއާ މެދު ކަނޑައެޅިގެން ސާބިތު ނުވާ، ދޮގު ނުވަތަ ޚުރާފީ ވާހަކަތައް (ހަގީގަތް ބަޔާންކުރުމުގެ މަގުސަދާއި ނުލައި) މި ސިޔަރަތު ސިލްސިލާގައި ނުހިމެނޭނެ ކަން ވެސް ޑރ. ޝަމީމް ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ކީރިތި ރަސޫލާﷺގެ ސިޔަރަތު ލިޔުއްވައި ތަޙުޤީޤު ކުރެއްވި ޢިލްމުވެރީންގެ ދިރާސާތަކާއި ފޮތްތަކުގެ ތެރެއިން މުޚްތަސަރު ކަމާއި، މަޝްހޫރު ކަމާއި ޞައްޙަކަމުގައި ޢިލްމުވެރިންގެ އަރިހުގައި އެންމެ އިތުބާރު ކުރެވިފައިވާ ފޮތްތަކަށް ބަލާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ސިލްސިލާގައި މި އަހަރުގެ ރަމަޟާން މަހު ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ބައި ކަމަށާ މި ބައިގައި ހިމެނޭނީ މައްކާ އާބާދުވުމާއި ހަމައިން ފަށައިގެން ކީރިތި ރަސޫލާ އަށް ވަޙީ ބާވައިލެއްވި، އެކަލޭގެފާނު ރަސޫލު ކަމައިގެން ފޮނުއްވުމާއި ހަމައަށް ކަމަށް ވެސް ވަންކްރީޑް ސްޓޫޑިއޯއިން ބުނެ އެވެ.
މި ސިލްސިލާގެ ޕްރަގްރާމްތައް އެ ސްޓޫޑިއޯގެ ޔޫޓިއުބް ޗެނަލް އިން ފެންނަން ހުންނާނެ އެވެ.
މިއީ މިހާތަނަށް ސްޓޫޑިއޯއަކުން ގެނެސްދޭ މިފަދަ އެންމެ ފެންވަރު ރަނގަޅު ޕްރަގްރާމްކަން ވެސް ފާހަގަކޮށްލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ