މިނިސްޓަރުން އިސްތިއުފާދެއްވީ އިތުބާރު ގެއްލިގެންނެއް ނޫން: މުންދު

މިނިސްޓަރުން އިސްތިއުފާދެއްވީ އިތުބާރުގެ މައްސަލައަކާ ގުޅިގެން ނޫން ކަމަށާއި އެބޭފުޅުން އިސްތިއުފާދެއްވީ ހެޔޮ ނިޔަތެއްގައި ހެޔޮ ބަދަލަށް ފުރުސަތުދެއްވުމުގެ ގޮތުން ކަމަށް ސަރުކާރުގެ ތަރުޖަމާންކަމުގެ މަގާމާ ދާދިފަހުން ހަވާލުވެވަޑައިގެންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މުންދު އެހެން ވިދާޅުވެފައިވާ އިރު، ދިހަ މިނިސްޓަރަކު ވަނީ މިދިޔަ އަންގާރަ ދުވަހު އިސްތިއުފާދެއްވައިފައެވެ. ހަމަ އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، އާ މިނިސްޓަރުންތަކެއް ވެސް އައްޔަންކުރައްވައިފައެވެ. ނަމަވެސް ކެބިނެޓުގެ އަދަދު 20 އިން 15 އަށް ވަނީ މަދުކުރައްވައިފައެވެ.
މުންދު ވިދާޅުވީ ދައުރެއްގެ މެދުތެރެއިން އެފަދަ ފިޔަވަޅެއް ނަންގަވަން ކެރިވަޑައިގަންނަވާނީ ވަރަށް މަދު ވެރިންނަށް ކަމަށާއި އިންތިހާބަށްފަހު ރައްޔިތުންގެ އަޑުއައްސަވައި އިސްލާހުތަކެއް ގެންނަވާނެ ކަމަށް ރައީސް ވެސް ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައީސް އެ ގެންނަވަނީ ޕޮޒިޓިވް ބަދަލުތަކެއްގެ ގޮތުގައި މުންދު ސިފަކުރެއްވިއެވެ.
”ވަޒީރުންގެ މަޖިލީހުން އިސްތިއުފާދެއްވި ވަޒީރުން އިސްތިއުފާދެއްވީ ހެޔޮ ނިޔަތެއްގައި. އެބޭފުޅުންގެ އަރިހުން އިސްތިއުފާދެއްވަން އެދިވަޑައިގަތީމާ އެބޭފުޅުން އިސްތިއުފާދެއްވަނީ ކީއްވެ، އެބޭފުޅުން އިސްތިއުފާދެއްވީ މިހާރު މިދާ އިސްލާހުތަކަށް މަގުފަހިކޮށްދިނުމަށް. އެގޮތަށް އަޅުގަނޑުމެން އޮންނާނެ ވަރަށް ސާފުކޮށް ބަޔާން ވެސް ކޮށްފައި. އެބޭބޭފުޅުންގެ ހިދުމަތް ވަރަށް ޝުކުރުވެރިކަމާއެކު އަޅުގަނޑުމެން ބަލައިގަންނަން. އެއީ އިތުބާރާ ގުޅޭ ކަމެއް ނޫން.“ އޭނާ ވިދާޅުވިއެވެ.
މުންދު ވިދާޅުވީ އެއީ ސަރުކާރެއް ހިންގަންޖެހެނީ ސީދާ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ގަބޫލުފުޅުކުރައްވާތީ އެ އިސްލާހު ގެންނެވުމުގެ މަސައްކަތުގެ ތެރެއިން ރައީސް ގެންނެވި ބަދަލުތަކެއް ކަމަށާއި އިސްތިއުފާދެއްވި ބޭފުޅުންނަކީ އަދިވެސް ”އަޅުގަނޑުމެންގެ ބޭފުޅުން“ ކަމަށެވެ. އަދި އެކަން ވަރަށް އަވަހަށް ސާފުވެގެންދާނެ ކަމަށް މުންދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ