އިސްލާމް މާއްދާގެ މުޤައްރަރު ދަރިވަރުންނަށް ފަސޭހައިން ފަހުމްވާ ގޮތަށް ބަދަލުކުރަންޖެހޭ ކަމަށާ، އަދި ދަރިވަރުންނަށް ފަސޭހައިން އެ މާއްދާ ފަހުމް ވަނީ އިނގިރޭސިން ކިޔަވައިދިނުމުން ކަމަށް ވާނަމަ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމަކީ މައްސަލައެއް ނޫން ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ދަރިވަރުން ދިވެހި ބަހަށް ކޮށިވުމުގެ ސަބަބުން އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމާ ގުޅޭގޮތުން ނޫހެއްގައި ޝާއިޢުކުރި ރިޕޯޓަކާ ގުޅިގެން، ޝަހީމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިސްލާމް މުޤައްރަރު މި ޒަމާނުގެ ޖީލުތަކަށް ވިސްނޭނެ ފަދަ ފަސޭހަ އިބާރާތްތަކަކުން އަލުން އެކުލަވައިލަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އަދި ފޮތްތަކުގެ ފަރުމާ ނުވަތަ ލޭއައުޓަށް ބަދަލު ގެނެސް، އިސްލާމް މުޤައްރަރުގައި ހިމެނޭ މުހިންމު ބައިތައް ދަރިވަރުންގެ އުމުރާއި ގްރޭޑްތަކާ ގުޅޭގޮތުން ތަރައްޤީކުރަން ޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިސްލާމް މާއްދާގެ ތެރޭގައި ހިމެނޭ ތަފާތު ދާއިރާތަކުގެ މަޢުލޫމާތުތައް އެއް ފޮތެއްގެ ތެރޭގައި ހުރުމުގެ ބަދަލުގައި، އެކި މަރުޙަލާތަކަށް ބަހާލައިގެން ވަކި މާއްދާތަކެއްގެ ގޮތުގައި ކިޔަވައިދިނުމަކީ ރަނގަޅު ގޮތެއް
ވަޒީރު ޝަހީމް
ބަހުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަހީމް ވިދާޅުވީ، އިސްލާމް މާއްދާ ދަރިވަރުންނަށް ބޮޑަށް ފަހުމްވަނީ އިނގިރޭސި ބަހުން ކަމަށްވާނަމަ، އެ ބަހުން އެ މާއްދާ ކިޔަވައިދިނުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
”ދިވެހި ބަސް މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމުން ދިވެހިބަސް ކުރިއަރާނެ. ދިވެހިބަސް އެންމެ ބޭނުންވާ މިންވަރަށް ކުރިއަރުވަން ބޭނުން ނަމަ، މުޅި ތަޢުލީމީ ނިޒާމު އެއްކޮށް ދިވެހި ބަހަށް ބަދަލުކުރަންޖެހޭނީ. އެއީ ރާއްޖެއަށް އެންމެ މުނާސަބު ގޮތް ކަމަށް ނުވެދާނެ“ ވަޒީރު ވިދާޅުވިއެވެ.
މި ޚިޔާލުފުޅުތަކަކީ މިކަމާ ގުޅޭގޮތުން އޭނާ ދެކެވަޑައިގަންނަވާ އަމިއްލަ ޚިޔާލުފުޅެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު، އިސްލާމް މާއްދާގައި ހިމެނޭ ވަރަށް ގިނަ ލަފްޒުތައް އަދުގެ ދަރިވަރުންނަށް ފަހުމް ނުވާ މައްސަލައަކީ އެ މާއްދާ ކިޔަވައިދޭ ޓީޗަރުންވެސް މިހާރު ފާހަގަކުރަމުން އަންނަ ކަމެކެވެ.
އިސްލާމް މާއްދާ އިނގިރޭސިން ކިޔަވައިދިނުމަކީ މައްސަލައެއްނޫން؛ މުޤައްރަރުވެސް މުރާޖާ ކުރަންޖެހޭ: ޑރ. ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ