މޫސުމީ ބަދަލުތަކުގެ ސަބަބުން ލޮނުގަނޑު އުފުލުމުން އަރައިގަތުމަށް ހޯދޭނެ އެހީއާ ގުޅޭގޮތުން މަޝްވަރާކޮށްފި
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަ ހުދުވުން ފަދަ ކަންކަމުން އަރައިގަތުމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ފޯރުކޮށްދެވޭނެ އެހީއާ މެދު އިއްޔެ މަޝްވަރާކޮށްފިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނީ، އެ މިނިސްޓްރީގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޑިޕާޓްމަންޓުން އިނގިރޭސިވިލާތުގެ ސަފީރު ނިކް ލޯއާއި އެ ގައުމުގެ ހައިކޮމިޝަންގެ ބޭފުޅުންނާ އިއްޔެ ބައްދަލުކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކާއި ލިބޭ ގެއްލުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި މިނިސްޓްރީ ތަމްސީލުކުރެއްވީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަމްޖަދު ޢަބްދުالله އެވެ. އަދި އިނގިރޭސިވިލާތުގެ ހައިކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސަފީރުގެ އިތުރުން ރާއްޖެއާއި އިންޑިއާ ކަނޑުގެ ޓީމްގެ ހެޑް އޭޝްލީ ރޮޖާސްއާއި، ސިޔާސީ އަދި މުވާސަލާތީ އޮފިސަރު ސައިނާ ސަޢީދެވެ. https://x.com/MoTmv/status/2013461825120280952 މިނިސްޓްރީން ބުނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވާރޭވެހި ފެންބޮޑުވުމާއި ކަނޑު ގަދަވުން ފަދަ ކުއްލި ހާލަތްތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ އިތުރުން، މުރަކަ ހުދުވުން ފަދަ ދިގު މުއްދަތުގައި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އިނގިރޭސިވިލާތުން ފޯރުކޮށްދެވިދާނެ ފަންނީ އެހީއާއި މާލީ އެހީއާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން، މޫސުމާ ބެހޭ ބައިނަލްއަގުވާމީ ފަންޑުތަކުން މާލީ އެހީ ހޯދުމަށް ރާއްޖޭން ކުރަމުންދާ މަސްކަތްތައް ހިއްސާކޮށް، ރާއްޖޭން އިސްކަންދޭ ދާއިރާތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް، މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ