ފުއްގިރި މައްސަލާގެ އިސްތިއުނާފް ސުޕްރީމް ކޯޓުން ވެސް ޔާމީނަށް ކާމިޔާބެއްނުވި

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އެމަނިކުފާނު ހުށަހެޅުއްވި އިސްތިއުނާފް ސުޕްރީމް ކޯޓުން އެމަނިކުފާނަށް މިރޭ ނާކާމިޔާބުވެއްޖެ އެވެ.
ވ. އާރަށް މައްސަލާގައި ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓަށް ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ތެރެއިން ބައެއް ހުށަހެޅުންތަކާ މެދު ނިންމި ނިންމުން އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފްކުރި އެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް އެދި ހެއްކާބެހޭ ގާނޫނުގެ ދަށުން އާ ހުށަހެޅުންތައް ހުށަހެޅުމުގެ ނުދޭން ނިންމި ނިންމުމާއި ބައެއް ލިޔުންތައް ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމި ނިންމުމެވެ.
ކްރިމިނަލް ކޯޓުގެ އެ ނިންމުންތަކަށް ހައި ކޯޓުން ކުރިން އޮތީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެއްވުމުން އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިރޭ ކުރެއްވި ހުކުމުގައިވަނީ ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެހެން ނަމަވެސް ހައި ކޯޓުގެ ހުކުމަށް ވާސިލްވުމުގައި ހުރި ބައެއް ސަބަބުތައް ބާތިލް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.
ޔާމީނާ އެކު އެ މައްސަލާގައި ދައުވާލިބޭ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ފަރާތުން ވެސް ބައެއް ހުށަހެޅުންތަކާ މެދު ނިންމި ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ. އެ ނިންމުންތަކަށް ވެސް ހައި ކޯޓުން ތައީދުކުރި އެވެ.
ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ