ޖަލުގަ ކުރާ ހުރިހާ އަނިޔާއެއް ކުރަނީ އިމްރާން ބުނެގެން: އަދުރޭ

ޖަލުގަ ކުރާ ހުރިހާ އަނިޔާއެއް ކުރަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެގެން ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލް ގައްޔޫމަށް ޖަލުގައި ސަރުކާރުން ކުރަމުންގެންދާ އަނިޔާގެވާހަކަ ރައްޔިތުންނަށް ހާމަކޮށްދިނުމަށްޓަކައި އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ހޯމިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓުގައި ރައީސް ޔާމީން އާ މެދު ޒާތީ ކަމެއް އޮތްކަން ހާމަވާ ކަމަށެވެ.
އަދުރޭ ވިދާޅުވީ މިރާއްޖޭގައި މިހާތަނަށް އެންމެ އަނިޔާވެރި އެންމެ ނުލަފާ، އެންމެ ޖައްބާރު، އެންމެ ޖާހިލު ހޯމް މިނިސްޓަރަކީ އިމްރާނު ކަމަށެވެ. އަދުރޭ ވިދާޅުވީ ރައީސް ޔާމީން އާ ޒާތީވެގެން އުޅޭ ހޯމް މިނިސްޓަރެއްގެ ބެލުމުގެ ދަށުގައިވާ ޖަލެއްގައި ރައީސް ޔާމީން ބަންދުކޮށްފައި ބެހެއްޓުމަކީ އެޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައެވެ.
ޔާމީންގެ ސިއްހީ ހާލަތު ބަޔާންކޮށްދީ، ގެއަށް ބަދަލުކޮށްދޭން އާއިލާ އިން ތަކުރާރުކޮށް އެދުނީމަ ވެސް މިއިން އެއްވެސް ކަމަކަށް ސަރުކާރުން ރިއާޔަތް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފާހަނާ އަށް ދަންދެން ކެމެރާ އަޅައިގެން ރައީސް ޔާމީންގެ ހުރިހާ ހަރަކާތެއް ގޭގަ އިނދެގެން ބެލޭ ގޮތަށް އިމްރާން ރާވާފައި ހުރި ކަމަށް މިއީ އަޅުގަނޑަށް ލިބޭ މައުލޫމާތެއް. އިމްރާނަކީ މިވަރުގެ ނުބައި ނުލަފާ މީހެއް" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް އަނިޔާ ކުރަމުން އަންނަނީ ސަރުކާރުން ރާވައިގެންނެވެ. އަދި އެކަމުގެ މުގުލުގައި ހުންނެވި ބޭފުޅަކީ އިމްރާން ކަމަށް އަބްދުއްރަހީމް ތަކުރާރުކޮށް ތުހުމަތު ކުރެއްވިއެވެ. "އެހެންވެ، އަޅުގަނޑުމެން ބިރުގަންނަނީ ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭގައި،" އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީން އަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ހުރަހެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައި ވަނިކޮށް ކެމްޕެއިން ކުރުމުގެ ހައްގު ވެސް އެމަނިކުފާނުގެ ކިބައިން ނިގުޅައިގެންފައިވާ ކަމަށް އަދެރޭ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ