ނުފުއްދޭނެ ނަދުރު ނުބުނާށެވެ! ނަދުރު ނުފުއްދުމަކީ ކައްފާރާ ދޭންޖެހޭ ބޮޑުކަމެކެވެ!

ކަމެއް ކުރުމަށް ނަދުރު ބުނުމަށް ފަހު ދިމާވި ޙާލަތަކާއި ހުރެ އެނަދުރެއް ނުފުއްދިއްޖެ ކަމަށް ވަނީ ނަމަ ހުވަޔާ ޚިލާފުވުމުން ދޭން ޖެހޭ ކައްފާރާ ދޭން ޖެހޭނެއެވެ. 
އިބްނު ޢައްބާސް ވިދާޅުވިކަމަށް ރިވާވެގެންވެ އެވެ. "من نذر نذرا لا يطيقه فكفارته كفارة اليمين 
".މާނަ އަކީ: "ކުޅަދާނަ ކަން ލިބިގެން ނުވާފަދަ ކަމަކަށް ނަދުރުބުނެ، އެކަމެއް ނުކުރެވިއްޖެނަމަ ހުވަޔާ ޚިލާފް ވުމުން ދޭން ޖެހޭ ކައްފާރާ އެމީހެއްގެ މައްޗަށް ލާޒިމް ވެއްޖެ އެވެ". 
ހުވަޔާ ޚިލާފް ވުމުން ދޭން ޖެހޭ ކައްފާރާ އަކީ:
1.   ދިހަ މިސްކީނުންނަށް ކާން ދިނުން (ކޮންމެ މިސްކީނަކަށް އެރަށެއްގައި ޢާދަވެގެން ކައި އުޅޭ ބާވަތަކުން ދޮޅު ކިލޯ)، މިޘާލަކަށް އެރަށެއްގެ އަހްލުވެރިން އާންމުކޮށް ކައި އުޅެނީ ހަނޑޫ ކަމަށް ވަނީ ނަމަ ހަނޑޫ ދިނުން.
ހުސްހަނޑޫ ދިނުމުގެ ބަދަލުގައި ކައްކާފައި މިސްކީނުން ބަނޑުފުރެންދެން ކާންދިން ކަމުގައިވީނަމަވެސް ފުދޭނެއެވެ.
2.   ނުވަތަ އަންނައުނު ދިނުން، ކޮންމެ މިސްކީނަކަށް ވެސް ނަމާދު ޞައްޙަވާ ވަރުގެ ހެދުމެއް ދިނުން.
3.   ނޫންނަމަ މުއުމިން އަޅަކު މިނިވަން ކުރުން.
4.   އިސްވެ ބަޔާން ކުރެވުނު ކަންތަކުން ކަމެއް ކުރުމަށް ނުކުޅެދިއްޖެ ކަމަށް ވަނީ ނަމަ ވިދިވިދިގެން ތިން ދުވަހު ރޯދަ ހިފުން. އެއްވެސް ދުވަހެއް މެދު ކެނޑިއްޖެ ނަމަ އަލުން ފަށަން ޖެހޭނެ އެވެ. 
ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މިސްކީނުންނަށް ކާންދިނުމުގެ ބަދަލުގައި ނުވަތަ އަންނައުނު ދިނުމުގެ ބަދަލުގައި ފައިސާ ދިނުމަކުން ކައްފާރާ އަކަށް ނުފުދޭނެ އެވެ. ސަބަބަކީ ﷲ ތަޢާލާ އަންގަވާފައިވަނީ ކާންދިނުމަށް ނުވަތަ ހެދުން (އަންނައުނު) ދިނުމަށެވެ. އެތަކެތީގެ އަގަށްވާ ފައިސާ ދިނުމަކަށް ނޫނެވެ.والله أعلم
 
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ