ރިޔާސީ އިންތިޚާބުގައި ވާދަކުރަން ގާސިމް އިބްރާހީމް ނިންމަވައިފި

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރުމަށް އެ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ރަސްމީކޮށް ފޯމް ހުށައަޅުއްވައިފިއެވެ.
މިކަން ހާމަކޮށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފަށް ފޮނުއްވި ސިޓީފުޅެއްގައި ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ނެރުމަށް އެ ޕާޓީގެ 4ވަނަ ގައުމީ ކޮންފަރެންސަށް ހުށައަޅައި ފާސްކުރި ގަރާރު ޕާޓީގެ 151ވަނަ ބައްދަލުވުމަށް ހުށައަޅައި އެންމެ ބޭފުޅަކު ފިޔަވައި އެހެން ހުރިހާ ބޭފުޅުންގެ އިއްތިފާގުން ފާސްކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން މި ގަރާރުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ނެރުމަށް ބާރުއަޅާތީ އާއި އަދި ރިޔާސީ ކެންޑިޑޭޓެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ އެތައް މެންބަރުންނެއް ޕާޓީގައި ތިބުމާއިއެކުވެސް މުއްދަތު ހަމަވާއިރުވެސް އެއިން ބޭފުޅަކު ކުރިމަތި ލައްވާފައިނުވާތީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އެމަނިކުފާނު އަންނަ ރިޔާސީ އިންތިހާބުގައި ޕާޓީގެ ފަރާތުން ވާދަކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 16ވަނަ ދުވަހުއެވެ. އަދި މިއަދު މެންދުރު 12:00ގެ ނިޔަލަށް މުއްދަތު ވަނީ ހަމަވެފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގާސިމް އިބްރާހިމް ވާދަކުރައްވާނެކަން ކަށަވަރުވެފައިވާއިރު ކެމްޕެއިންގެ ކަންކަންވަނީ ބޭފުޅަކާ ހަވާލުކޮށްފައެވެ. އެގޮތުން އިންތިޚާބުގެ ކެމްޕެއިން ޕްލޭންކުރުން ނުވަތަ ރޭވުން ހަވާލުކޮށްފައިވަނީ އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއެވެ. އޭގެ އިތުރުން، ޖޭޕީން އަންނަނީ މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތައްވެސް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ