ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓްގެ ވެރިފަރާތް ހޯދުމަށް ނަޝީދު އެދިއްޖެ

ހަސަން ކުރުސީގެ ނަމުގައި ޓްވިޓާ ހޭންޑެލް ހިންގަމުންދާ މީހެއް ހޯދުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުލުސް އޮފީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. ހަތް ހާސް ފޮލޯވަރުންނާ އެކު ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދާ އެކައުންޓުން އަންނަނީ ރައީސް ނަޝީދު އާއި އެމަނިކުފާނު އިސްކޮށް ހުންނަވައިގެން ހިންގަމުންދާ 'ފިކުރެއްގެ ދިރުން' އަށް ކެމްޕެއިން ކުރުމުންނެވެ. އަދި ސިޔާސީ ގޮތުން ހިޔާލު ތަފާތު ބޭފުޅުންނާ ގުޅުވައިގެން ވަރަށް ހުތުރުކޮށް ޓްވީޓްތައް ކޮށް ހަދައެވެ. އެ އެކައުންޓް ހިންގަމުންދަނީ ރައީސް ނަޝީދު ނުވަތަ އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އެކަމާ ގުޅޭ ގޮތުން ރައީސް ނަޝީދު އިއްޔެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީ އެމަނިކުފާނު މިއަދު ވަނީ ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން ހަސަން ކުރުސީގެ ނަމުގައި ޓްވިޓާ އެކައުންޓް ހިންގަނީ އެމަނިކުފާނު ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި އެތަކެއް އޮޅުން އަރައި އެކަމުގެ ސަބަބުން އިންތިހާއަށް ގެއްލުން ލިބެމުންދާ ކަމަށް ނަޝީދު ސިޓީގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން އެ އެކައުންޓްގެ އަސްލު ހޯއްދަވައިދެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގަންނަވާފައެވެ. ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދާ ޓްވިޓާ އެކައުންޓުން މީގެ ކުރިން ކުރި ބައެއް ކަހަލަ ޓްވީޓްތަކާ ގުޅިގެން ވެސް ނަޝީދު ވަނީ އެއީ ޖިސްމާނީ ގޮތުން އެމަނިކުފާނު ނޫން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ