ކުރީގެ ރައީސުންގެ އިނާޔަތް | 2023 ގައި 10 މިލިއަން، 2025 ގައި 19.7 މިލިއަނަށް

ރާއްޖޭގެ ވެރިކަންކުރައްވާފައިވާ ކުރީގެ ރައީސުންނަަށް ދައުލަތުން ދޭ އިނާޔަތްތަކަށް މި އަހަރުގެ ނިޔަލަށް 16.4 މިލިއަން ރުފިޔާ ހަރަދުވާނެކަމަށާއި އަދި އަންނަ އަހަރު އެ އަދަދު 19.7 މިލިއަނަށް އަރާނެ ކަމުގައި ދައުލަތުގެ ބަޖެޓުގައި ލަފާކޮށްފި އެވެ. 
2025 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ފާހަގަކޮށްފައިވާ ގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ކުރީގެ ރައީސުންގެ އިނާޔަތްތަކަށް ހަރަދުވީ 10.3 މިލިއަން ރުފިޔާ އެވެ. ކުރީގެ ރައީސުންނަށް ދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 2023 ގައި ހަރަދުވީ 1.1 މިލިއަނެވެ. އަދި ލިވިން އެލަވެންސަށް ހަރަދުވީ 1.3 މިލިއަނެވެ. އޮފީސް ހިންގުމަށް ދޭ ހަރަދުގެ ގޮތުގައި 6.5 މިލިއަން ރުފިޔާ ހަރަދުވި އެވެ. ބޭސްފަރުވާގެ ކަންކަމަށް 1.4 މިލިއަން ހަރަދުވި އެވެ. 
ނިމުނު އަހަރު ފައިސާގެ އިނާޔަތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ހަރަދުވެފައިވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމަށެވެ. އެމަނިކުފާނަށް 875،000 ހަރަދުވި އެވެ. ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފައިސާގެ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގެންނެވިކަމަށް އޮތީ 70،000 އާއި 80،000 އާ ދެމެދުގެ އަދަދުތަކެކެވެ. ރައީސް މުހައްމަދު ވަހީދު ފައިސާގެ އިނާޔަތް ނުނަންގަވަ އެވެ. 
ލިވިން އެލަވެންސްގެ ގޮތުގައި ރައީސް ޑރ.މުހައްމަދު ވަހީދަށް ނިމުނު އަހަރު 600،000 ރުފިޔާ ހަރަދުވިއިރު، ރައީސް މައުމޫނަށް 550،000 ރުފިޔާ އަދި ރައީސް ނަޝީދަށް 78،333 ރުފިޔާ، އަދި ރައީސް ސޯލިހަށް 71،667 ރުފިޔާ ހަރަދުވި އެވެ. 
އޮފީސް ހިންގެވުމަށް މައުމޫނާއި ނަޝީދާއި ވަހީދުވަނީ ކޮންމެ ބޭފުޅަކު 2.1 މިލިއަން ރުފިޔާ ނަންގަަވާފަ އެވެ. އޮފީސް ހިންގެވުމަށް ނިމުނު އަހަރު އެއްވެސް ރުފިޔާއެއް ނުނަންގަވަނީ ރައީސް ޔާމީނެވެ. ރައީސް ސޯލހުވަނީ 250،833 ރުފިޔާ އޮފީސް ހިންގެވުމަށް ނަންގަވާފަ އެވެ. 
ކުރީގެ ރައީސުންގެ ބޭސްފަރުވާ ހަރަދުތަކަށް ބަލާއިރު 2023 ގައި ރައީސް މައުމޫނަށް 1.1 މިލިއަން ރުފިޔާ އަދި ރައީސް ސޯލިހަށް 257،005 ރުފިޔާ ހަރަދުވި އެވެ. 
ކުރީގެ ރައީސުންނަށް މި އަހަރު 16 މިލިއަން ހަރަދުވާނެކަމަށް ލަފާކުރެވޭއިރު ފައިސާގެ އިނާޔަތުގެ ގޮތުގައި ރައީސް މައުމޫނަށް 900،000 ރުފިޔާ އަަދި ރައީސް ނަޝީދާއި ރައީސް ސޯލިހަށް ކޮންމެ ބޭފުޅަކަށް 600،000 ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވެ އެވެ. އަދި ރައީސް ޔާމީނަށް ޖަލުގައި ހުންނެވި މުއްދަތުގެ އިނާޔަތާއެކު 1.2 މިލިއަން ލިބިވަޑައިގަންނަވާނެ އެވެ. 
ލިވިން އެލަވެންސްގެ ގޮތުގައި ރައީސް ޔާމީން ފިޔަވައި ދެން ތިއްބެވި ކުރީގެ ހުރިހާ ރައީސުންނަށް ހަލައްކަ ރުފިޔާ ހަރަދުވާނެ ކަމުގައި ލަފާކުރާއިރު އެމަނިކުފާނަށް ޖަލުގައި ހުންނެވި މުއްދަތުގެ އިނާޔަތާއެކު 1.2 މިލިއަން ލިބިވަޑައިގަންނަވާނެ އެވެ. 
ކުރީގެ ރައީސުންގެ އޮފީސް ހިންގެވުމަށް 8.4 މިލިއަން ރުފިޔާ މި އަހަރު ހަރަދުވާނެ ކަމުގައި ބެލެވޭއިރު ރައީސް ޔާމީން ނޫން އެހެން ކޮންމެ ބޭފުޅަކު 2.1 މިލިއަން ރުފިޔާ ކުރީގެ ރައީސުންގެ އޮފީސް ހިންގެވުމަށް ނަންގަވަ އެވެ. ރައީސް ޔާމީން މި އަހަރުވެސް އޮފީސް ހިންގެވުމަށް ފައިސާ ނުނަންގަވަ އެވެ. 
މި އަހަރު ކުރީގެ ރައީސުންގެ ސިއްހީ ކަންކަމަށް 1.1 މިލިއަން ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، އެއިން 703،356 ރުފިޔާއަކީ ރައީސް މައުމޫނުގެ ސިއްހީ ކަންކަމަށް ހިނގާ ހަރަދެވެ. ބާކީ 420،000 ރުފިޔާއަކީ ރައީސް ސޯލިހުގެ ސިއްހީ ފަރުވާއަށް ހަރަދުވާ ފައިސާ އެވެ. 
އަންނަ އަހަރުގެ ބަޖެޓުގއި 19.7 މިލިއަން ރުފިޔާ ކުރީގެ ރައީސުންގެ އިނާޔަތްތަކަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެގޮތުން ފައިސާގެ އިނާޔަތުގެ ގޮތުގައި ރައީސް މައުމޫނަށް ނުވަލައްކަ، ނަޝީދާއި ޔާމީނާއި ސޯލިހަށް ކޮންމެ ބޭފުޅަކަށް ހަލައްކަ ހަރަދުވާނެ ކަމށް ލަފާކޮށްފައިވެ އެވެ. 
އަދި ލިވިން އެލަވެންސްގެ ގޮތުގައި ރައީސް ވަހީދުވެސް ހިމެނިވަޑައިގަންނަވާހެން ކުރީގެ ފަސް ރައީސުންނަށް ހަލައްކަ ރުފިޔާގެ މަގުން 3 މިލިއަން ހަރަދުވާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ. 
ކުރީގެ ރައީސުންގެ އޮފީސް ހިންގެވުމުގެ ހަރަދުގެ ގޮތުގައި ކޮންމެ ބޭފުޅަކަށް 2.1 މިލިއަން ރުފިޔާގެ މަގުން ޖުމްލަ 10.5 މިލިއަން ރުފިޔާ ބަަޖެޓުކޮށްފައިވެ އެވެ. މި ފައިސާ މިހާތަނަށް ނުނަންގަވަނީ ރައީސް ޔާމީން އެކަންޏެވެ. 
އެ ބޭފުޅުންގެ ބޭސްފަަރުވާއަށް ކޮންމެ ބޭފުޅަކަށް 700،000 ރުފިޔާގެ މަގުން 3.5 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ