ޔާމީންގެ ރައްދު: އދ އަށް ނުދިޔައީ ކަންނެތް ވެގެނެއް ނޫން، އިސްކުރީ ހައްޖުގެ އަޅުކަން

ރާއްޖެ ހަމަމަގަށް އެޅުވުން އަޅުގަނޑަށް މުހިންމުވީ އދ އަށް ގޮސް އެތަނުގައި އަޅުގަނޑުގެ އަމިއްލަ އަޑުން މައިކުން ވާހަކަ ދެއްކުމަށް ވުރެ،"
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އދ އަށް ވަޑައިނުގެންނެވީ ކަންނެތް ކަމުން ކަމަށް ވިދާޅުވެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ދެއްކެވި ވާހަކަތަކަށް ރައީސް ޔާމީން ރައްދު ދެއްވައިފި އެވެ.
ޔާމީންގެ ދިފާއުގައި ކުރީން ވަރަށް ގަދައަށް އަޑުއުފުލި ޝުޖާއު ވަނީ ޔާމީން، އދ އަށް ވަޑައިނުގެންނެވީ ކަންނެތް ކަމުން ކަމަށް ވިދާޅުވެ އެމަނިކުފާނަށް ފާޑު ވިދާޅުވެފަ އެވެ. ޝުޖާއުގެ މި ފާޑުވިދާޅުވުން އައީ ރައީސް މުއިއްޒު، އދ އަށް ވަޑައިގަތުން ފާހަގަ ކުރެއްވުމުގެ ގޮތުންނެވެ.ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓްގެ ޖަލްސާ ގައި ރޭ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އދ އަށް ވަޑައިގަތުމަށް ބޭނުންފުޅުވީ ކަމަށާ ނަމަވެސް އެ ފުރުސަތު އެންމެ ފަހިކޮށް ލިބިވަޑައިގެންނެވި އަހަރަކީ ހައްޖުގެ އަޅުކަމަށް ވަޑައިގަތުމަށް އެމަނިކުފާނު ނިންމަވާ އެ ފުރުސަތު ތަނަވަސް ވެފައި އޮތް އަހަރެއް ކަމަށެވެ. އެއީ އެއް ދުވަސްވަރެއް ކަމުން އެމަނިކުފާނު އިސްކުރެއްވީ އަަދި އިހްތިޔާރު ކުރެއްވީ ވެސް ހައްޖުގެ އަޅުކަަން އަދާ ކުރެެއްވުމަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވި އެވެ.ހައްޖުގެ އަޅުކަމަށް ފަހު އެނބުރި ހުޅުލެއަށް ވަޑައިގެން، ހުޅުލެއިން މާލެއަށް ދަތުރުކުރެއްވި ލޯންޗުކޮޅުގައި ވަރުގަދަ ގޮވުމެއް ގޮވާ ހިނގި ހާދިސާގެ ހަނދާން އައު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އޭގެ ފަހުން އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގެންފައި އޮތް މަސައްކަތްޕުޅު މުޅީން ބަދަލުވި ކަމަށެވެ. އެ ހާދިސާގެ އިތުރުން އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް އެތެރެއާ ބޭރުން އެކި ސިފަސިފާ ގައި ބަޢާވާތް ހިންގަން ކުރި މަސައްކަތްތަކާ ދެކޮޅަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގެން ކަމަށް ވިދާޅުވި އެވެ."އެހެންވީމަ ރާއްޖެ ހަމަމަގަށް އެޅުވުން އަޅުގަނޑަށް މުހިންމުވީ އދ އަށް ގޮސް އެތަނުގައި އަޅުގަނޑުގެ އަމިއްލަ އަޑުން މައިކުން ވާހަކަ ދެއްކުމަށް ވުރެ،" އދ އަށް ވަޑައިނުގެންނެވުނު ސަބަބު ތަފްސީލު ކޮށްދެއްވާ ޔާމީން ވިދާޅުވި އެވެ.ރައީސް ޔާމީން ހައްޖުގެ އަޅުކަމަށް ވަޑައިގެންނެވީ 2015 ވަނަ އަހަރު އެވެ. އެ އަހަރު އަޅުކަމަށް ފަހު ރާއްޖެ ވަޑައިގެން މާލެ އަށް ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި ބަޔަކު ވަނީ އެއްޗެއް ހަރުކޮށް ގޮއްވާލާފަ އެވެ. އެ ހާދިސާއަށް ފަހު ފުލުފުލުގައި އެމަނިކުފާނުގެ ސަރުކާރާއި ދެކޮޅު ހަރަކާތްތައް ދިޔައީ ހިނގަމުންނެވެ. ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރާއި މަޖިލީސް މެންބަރުންތަކެއް އެއް ފަހަރާ އިދިކޮޅާއި ގުޅިވަޑައިގަތުމާއި މަގުމަތީގެ އިހްތިޖާޖުތަކާއި މުޒާހަރާތައް އިތުރުވުމާއި ބޭރުގެ ޕްރެޝަރު ވެސް ވަރަށް ބޮޑުވި އެވެ.އެ ހުރިހާ ކަމެއް މަައިތިރި ކުރައްވާ އެމަނިކުފާނު ވަނީ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރައްވާފަ އެވެ. އެ ދައުުރު ވެގެން ދިޔައީ ތަރައްގީގެ މަގުގައި މިހާތަނަށް ރާއްޖެ ދުށް އެންމެ ވަރުގަދަ / ކާމިޔާބު ފަސް އަހަރަށެވެ. ދެވަނަ ދައުރެއް ލިބިވަޑައިނުގެންނެވި ނަމަވެސް ގިނިކަންޏާ ނިކުންނަވާ ވަރަށް ބޮޑު ތާއީދެއް ވެސް އިންތިހާބު ގައި ހޯއްދެވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ