ގެދޮރު ޢިމާރާތް ކުރުމަށް ލުއި ލޯނު ދޫކުރާ ”ހިޔާވަހި ފައިނޭންސިން ޕްރޮގްރާމް“ އިފްތިތާޙް ކޮށްފި

ގެދޮރު އިމާރާތްކުރުމަށް 5 އިންސައްތައިގެ އިންޓަރެސްޓް ރޭޓެއްގައި ލޯނު ދޫކުރާ "ހިޔާވަހި ފައިނޭންސިން ޕްރޮގްރާމް" ރަސްމީކޮށް ފައްޓަވައިފިއެވެ. މިއީ ރައީސް މުޢިއްޒުގެ އިންތިޚާބީ ވަޢުދެއް ފުއްދުމުގެ ގޮތުން ތަޢާރަފުކުރެވުނު ޕްރޮގްރާމެކެވެ.
މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. 
މި ޕްރޮގްރާމް ހިންގުމަށް ސަރުކާރުން ވަނީ ތިން ބޭންކަކާ ގުޅިގެން މަސައްކަތް ފަށާފައެވެ. އެއީ
Advertisement
1) ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)،
2) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި
3) މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.
މި ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރެވޭނީ ތިން ކެޓަގަރީއަކަށެވެ:
1. ހިޔާވަހި ރަށްވެހި: މި ކެޓަގަރީގެ ދަށުން ރަށްރަށުގައި ގެދޮރު އިމާރާތްކުރުމަށް 1 މިލިއަން ރުފިޔާއާ ހަމައަށް އެޗްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރެވޭނެއެވެ. މި ލޯނަށް އިކުއިޓީ ބޭނުމެއް ނުވެއެވެ. ނަމަވެސް މިނިސްޓްރީން ކަނޑައަޅާ އަގެއްގައި ބަންޑާރަ ގޯތި މިލްކުކުރަން ފީއެއް ދައްކަން ޖެހޭނެއެވެ. 
މި ލޯނު ދޫކުރަނީ 25 އަހަރުން އަނބުރާ ދައްކާ ގޮތަށް %5 އިންޓަރެސްޓްގައެވެ. 
2. ހިޔާވަހި ސަހަރު: މި ކެޓަގަރީގެ ދަށުން އާބާދީ ބޮޑެތި އާބަން ސެންޓަރުތަކުގައި ގެދޮރު އިމާރާތްކުރުމަށް 3 މިލިއަން ރުފިޔާއާ ހަމައަށް ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށް ލޯނު ދޫކުރެވޭނެއެވެ.
މި ލޯނު ދޫކުރަނީ 25 އަހަރުން އަނބުރާ ދައްކާ ގޮތަށް %5 އިންޓަރެސްޓްގައެވެ. 
3. ހިޔާވަހި ފުރަ މާލެ: މި ކެޓަގަރީގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުގައި ގެދޮރު އިމާރާތްކުރުމަށް 6 މިލިއަން ރުފިޔާއާ ހަމައަށް ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށް ލޯނު ދޫކުރެވޭނެއެވެ.
މި ލޯނަށް އިކުއިޓީއަށް 10% ނަގާއިރު، މިއީވެސް %5 އިންޓަރެސްޓްގައި 25 އަހަރުން އަނބުރާ ދައްކާ ގޮތަށް ދޫކުރެވޭ ލޯނެކެވެ.
މި ސްކީމުގެ ދަށުން 600 އަކަފޫޓަށް ވުރެ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން ވެސް ލޯނު ދުކުރާނެވެ. އެގޮތަށް ދޫކުރާ ލޯނުގައި 6 މިލިއަން ރުފިޔާގެ އިތުރަށް އިތުރުކުރާ ކޮންމެ ބިމަކަށް 1 މިލިއަން ރުފިޔާ ލިބޭއިރު މިގޮތުން ޖުމްލަ ދޫކުރާނީ 10 މިލިއަން ރުފިޔާ އެވެ. 
ސަރުކާރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޕްރޮގްރާމްގެ މަޤްޞަދަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރަން ނުފެށިފައިވާ ނުވަތަ ފަށައިގެން ނުނިމި ހުރި ފަރާތްތަކަށް އެހީތެރިވުމެވެ. އަދި މާލޭގެ ތޮއްޖެހިފައިވާ ސަރަޙައްދުތަކުގައި ކުދި ގޯތިތައް އެއްކޮށްގެން ގެދޮރު އިމާރާތްކުރުމަށްވެސް މި ޕްރޮގްރާމުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މި ލޯނަށް ކުރިމަތިލާން ޖެހެނީ ހިޔާވަހި ޕޯޓަލްމެދުވެރިކޮށެވެ. މާދަމާއިން ފެށިގެން ލޯނަށް އެދި ހުށަހެޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ