ދައުލަތުގެ ހުރިހާ އެއްޗެއް ރައީސް ޔާމީން ބޭނުންކޮށް ހުސްކޮށްފި: މެމްބަރު ލަތީފް

ދިވެހިރާއްޖޭގެ ދައުލަތުގެ ހުރިހާ އެއްޗެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބޭނުންކޮށް ހުސްކޮށްފި ކަމަށާއި ރައްޔިތުން ބޭނުންކުރުމަށް ބާކީ އެއްވެސް އެއްޗެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހަންމަދު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން 2018 ވަނަ އަހަރު ބޭއްވި ފުރަތަމަ ޖަލްސާގައި މާމިގިލީގައި މިރޭ ވާހަކަފުޅު ދައްކަވަމުން މެމްބަރު ލަތީފް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް މިހާތަނަށް ވަރަށް އަނިޔާކޮށްފި ކަމަށެވެ. އެގޮތުން ސަރުކާރާ ދެކޮޅަށް ނުކުންނަ ކޮންމެ ލީޑަރަކަށްވެސް ޖަލުގޮޅީގެ އަނިޔާ ދެމުން އަންނަ ކަމަށާއި، ރައީސް ޔާމީން ބޭނުންވަނީ އިދިކޮޅު ލީޑަރެއް ނެތި ވެރިކަން ކުރައްވަން ކަމަށެވެ.
ރައީސް ޔާމީން ބޭނުންފުޅުވަނީ ރައްޔިތުންނަށް ނުލަފާކަމާއި ބިރުދައްކައިގެން އުޅުއްވަން ކަމަށާއި އެކަމަކު މިއަނިޔާވެރިކަން ނިމުމަކަށް ގެންނަވާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ރައީސް ޔާމީނަށް ދައުލަތުގެ ރަށްތަކާއި ފައިސާ ފެނި މޮޔަފުޅު ވެއްޖެ ކަމަށާއި، ދައުރުގެ މިހާތަނަށް އައިރު ދައުލަތުގައިހުރި ހުރިހާ އެއްޗެއް ރައީސް ޔާމީން ބޭނުންކޮށް ހުސްކޮށްފި ކަމަށެވެ. އަދި ދައުލަތުގައި ރައްޔިތުން ބޭނުންކުރުމަށް ބާކީ އެއްވެސް އެއްޗެއް މިހާރު ނެތްކަމަށްވެސް ވިދާޅުވިއެވެ.
މާމިގިލީގައި ކުރިއަށްދިޔަ މިޖަލްސާގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައުމީ މަޖިލިސް މެމްބަރު އިބްރާހީމް ރަޝީދުވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މާމިގިއްޔަށް އިޝާރާތް ކުރައްވައި އިބްރާހިމް ރަޝީދު ވިދާޅުވީ، މެދުރާއްޖޭތެރޭގައި އެންމެ ގިނަ މީހުން ބޭސްފަރުވާ ހޯދަނީ މާމިގިލީ ހޮސްޕިޓަލުން ކަމަށާއި އެ ހޮސްޕިޓަލުން ދުވާލަކު 100 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދިނަމަވެސް، އެތަނުގެ ހާލަތު ވަރަށް ގޯސް ކަމަށެވެ.
ޚަރަދު ކުޑަކުރުމަށް މާމިގިލީ ހޮސްޕިޓަލުން ފެން ކަނޑާލާފައިވާ ކަމަށާއި، 24 ގަޑިއިރު ޚިދުމަތްދޭ ތަނެއްގެ ގޮތުންގައި ކަނޑައަޅާފައިވީ ނަމަވެސް، ރޭގަނޑު 11 ގެ ފަހުން ހޮސްޕިޓަލުން ޙިދުމަތްވެސް ނުލިބޭ ކަމަށް ވިދާޅުވިއެވެ.
އިބްރާހިމް ރަޝީދު ވިދާޅުވީ މާމިގިލީ ނަރުދަމާގެ ނިޒާމަށް ބަލާލި ނަމަވެސް، ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ބަޖެޓުގައި ޖުމްލަ 50 މިލިއަން ރުފިޔާ ކަނޑައަޅާފައި ވީނަމަވެސް، މާމިގިލީ ކުންފުންޏަކުން އެކަން ކުރަނީ އެންމެ 10 މިލިއަން ރުފިޔާއަށް ކަމަށެވެ.
ރަޝީދު ވިދާޅުވީ މިއީ ވައްކަންކުރާ ސަރުކާރެއް ކަމަށާއި، މިވެރިކަން ނިންމުމަށް ހުރިހާ އެންމެ ގުޅިގެން މަސައްކަތްކޮށް، 2018 ވަނަ އަހަރު ކާމިޔާބީ ހޯދަން އެންމެ ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ