ގައުމުގެ ކަންކަން ހިނގަމުންދަނީ ރަނގަޅު މިސްރާބަކަށް ނޫން - ގާސިމް

ގައުމުގެ ކަންކަން ހިނގަމުންދަނީ ރަނގަޅު މިސްރާބަކަށް ނޫން ކަމަށާއި އެކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަބޫލުކުރައްވާ ރައްޔިތުންގެ ފަޅިއަށް ވަޑައިގެންނެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލިސް ކުރާގޭ ކައިރީގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގާސިމް މިއަދު ވިދާޅުވީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ގައުމުގެ ކަންކަން ހިނގަމުންދަނީ ރަނގަޅު މިސްރާބަކަށް ނޫން ކަން އެނގިގެންދާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ މަންދޫބުންގެ ހައިސިއްޔަތުން ގައުމު ހަމަމަގަށް އެޅުވުމަކީ މަޖިލީހުގެ މެންބަރުންގެ ޒިންމާއެއްް ކަމަށެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށާއި ވަރަށް އަވަހަށް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލޭނެ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމުގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާއެއް ކަމަށް ދިވެހި ގިނަ ރައްޔިތުންނާ ބޭރު ދުނިޔޭގެ ގައުމުތަކުން ވެސް ގަބޫލުކުރާ ކަމަށާއި ގައުމުތަކުން އެގޮތަށް ދެކޭނަމަ ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެ ކަމަށް ވެސް ގާސިމް މިއަދު ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސިޔާސީ ބޭފުޅުންނާއި ދެކޮޅަށް ހުށަހަޅާފައިވާ ސިޔާސީ ދައުވާތައް ހުއްޓާލުމަށް ގިނަ ދިވެހި ރައްޔިތުން އެދޭ ކަމަށާއި އެހެންކަމުން ރާއްޖޭގައި ދާހިލީ ހަމަނުޖެހުމުން ހިނގާ އިގްތިސާދު ހަލާކުވުމުގެ ކުރިން އެފަދަ ދައުވާތައް ކުރުން ޕްރޮސެކިއުޓަ ޖެނަރަލް ހުއްޓާލަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ