ގާސިމް އާއި މެދު އަޅާނެ ފިޔަވަޅެއް އެބަ ބަލަން – ޕީޖީ

ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގާ ޝަރީއަތަކީ "ޒާތީ މައްސަލައެއް" ކަމަށާއި އެ ދައުވާ އަނބުރާ ގެންދިއުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވައިލެވުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ވިދާޅުވި އެއްޗެއް ކަމަށާއި އެކަމާ މެދު އަޅުއްވާނެ ފިޔަވަޅެއް ބައްލަވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.
ޕީޖީ މުހުތާޒު މިހެން ވިދާޅުވީ ނަޝީދުގެ މައްޗަށް ހިންގާ ޝަރީއަތަކީ ޒާތީ ޝަރީއަތެއް ކަމަށާއި ވެރިކަމުން އިސްތިއުފާ ދެއްވުމަކީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ނަޝީދަށް ލިބުނު އަދަބު ކަމަށް ގާސިމް ވިދާޅުވިތާ ކުޑަވަގުތުކޮޅެއް ފަހުން "ހަވީރަ"ށް ދެއްވި އިންޓަވިއު އެއްގައެވެ. މުހުތާޒު ވިދާާޅުވީ ގާސިމް އާއި މެދު އަޅާނެ ފިޔަވަޅެއް މާދަމާ ނިންމަވާނެ ކަމަށެވެ.
ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ވެސް ގާސިމް ގޮވާލައްވާފައި ވާއިރު "ހަވީރަ"ށް ދެއްވި އިންޓަވިއުގައި ޕީޖީ މުހުތާޒް ވިދާޅުވީ ދުސްތޫރީ ނިޒާމުގެ ތެރޭގައި ހުންނެވި ބޭފުޅަކު، ގާނޫނާ ހިލާފަށް ކުރެއްވި ކުށަކަށް އުފުލާފައިވާ ދައުވާއެއް އަނބުރާ ގެނައުމަށް ފަރުދީ ހައިސިއްޔަތުން ގާސިމަށް ގޮވައި ނުލެއްވޭނެ ކަމަށެވެ. އަދި އެއީ ސައްހަ ދައުވާއެއް ނޫން ކަމަށް ވިދާޅުވެ އެއަށް ގޮންޖެއްސެވުމަކީ ގާސިމަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް މުހުތާޒް ވިދާޅުވިކަމަށް "ހަވީރު" އޮންލައިން ގައި ބުނެފައި ވެއެވެ.
"ގާސިމް މި ވިދާޅުވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުން، ރައްޔިތުން އެދެމުންދިޔައީ އޭނާ ދޫކޮށްލުމަށް ނުވަތަ ނަޝީދު އިސްތިއުފާ ދެއްވުމަށް ކަމަށް. އެކަމަކު ނަޝީދު އިސްތިއުފާ ދެއްވުމުން ކުށުގެ އަދަބު ލިބިއްޖެ ކަމަށް ގާސިމް ވިދާޅުވުމަކީ ހަމަޖެހޭ ވާހަކައެެއް ނޫން. އެހެންވެއްޖިއްޔާ ޕޮލިސް ކޮމިޝަނަރު ވެސް ގާނޫނުތަކާ ހިލާފަށް އެތައް ބަޔަކު ހައްޔަރު ކުރުމަށް ފަހު، އޭނާ މާދަމާ ނުކުމެ އިސްތިއުފާ ދެއްވުމުން ޕޮލިސް ކޮމިޝަނަރަށް އަދަބު ލިބުނީ ކަމަށް އަޅުގަނޑުމެން ނިންމަންވީތޯ؟،" ޕީޖީ ވިދާޅުވި ކަމަށް "ހަވީރު" އޮންލައިންގައި ބުނެފައި ވެއެވެ.
އަބްދުﷲ ގާޒީގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާއެއް ކަމަށް ގާސިމް ވިދާޅުވެ، ކަމުގެ ހަގީގަތް އެހެން މިސްރާބަކަށް ގެންދަން މަސައްކަތް ކުރައްވާތީ ހިތާމަ ކުރައްވާ ކަމަށް ޕީޖީ ވަނީ އިންޓަވިއުގައި ވިދާޅުވެފައެވެ.
"މި މައްސަލާގައި އިލްމީ ރޮނގުން ވާހަކަ ދެއްކެވި ނަމަ އަޅުގަނޑުގެ މައްސަަލައެއް ނެތް. އެކަމަކު އަޅުގަނޑަކަށް ނޭނގޭ ގާސިމަކީ އިލްމީ ރޮނގުން ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅެއް ކަމެއް. އަޅުގަނޑަށް ފެނުނީ ސިޔާސީ ގޮތުން ވާހަކަ ދެއްކެވި ތަން،" މުހުތާޒް ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ