ގާނޫނު އަސާސީގެ ހިމާޔަތުގައި އިދިކޮޅު ޕާޓީތަކުން ގުޅިގެން ނުކުންނަ އިރު ގާނޫނު އަސާސީއާ ޚިލާފަށް ކޮށްފައިވަނީ ކޮންކަމެއްކަން ދައްކަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނިއު ދިއްލީގައި ދަ އެނާޖީ އެންޑް ރިސޯސަސް އިންސްޓިޓިއުޓް (ޓެރީ) އިން އިންތިޒާމުކޮށްގެން ބޭއްވި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު ރޭ މާލެވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރަކީ ގާނޫނު އަސާސީއަށް ފުރިހަމައަށް ހުރުމަތްތެރިކޮށްހިތާ ސަރުކާރެއް ކަމަށާއި ސަރުކާރުން ކަންތައްތައް ކުރަނީ ގާނޫނު އަސާސީގައިވާ ގޮތުގެމަތިން ކަމަށެވެ.
އަދި އަދި ގާނޫނަށް ބަދަލުގެނެސްގެން ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން މަގާމުން ވަކިކުރުން ފަދަ ބަދަލުތަކަކީ ގާނޫނަށް ގެނެވޭނެ ދަދަ ބަދަލު ތަކެއް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
"އެއީ ހަގީގަތުގަ އެބޭފުޅުން އެހެން ވިދާޅުވިޔަސް އެބޭފުޅުން ދައްކަވާނެ މާ ރަނގަޅު ވާހަކައެއް ނެތް. ގާނޫނު އަސާސީ ހިމާޔަތް ކުރަން ނުކުންނަ ބަޔަކު ދައްކަންޖެހޭނެ ދެއްތޯ މިހާރުގެ ސަރުކާރުން ގާނޫނު އަސާސީއާ ޚިލާފަށް ކުރީ ކޮންކަމެއްތޯ. އެއެއް ވިދާޅެއް ނުވޭ. ހަމައެކަހަލަ ވާހަކަތަކެއް ދައްކަވަނީ،" މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރު އޮތީ ވަރަށް ވަރުގަދަ ކަންމަތީގައި އެވެ. އަދި ސަރުކާރު ކޯލިޝަނުން ވަކިވެގެން، ޖޭޕީއިން އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރުމަކީ ސަރުކާރަށް ދަތިކަމެއް އަންނާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކޯލިޝަން ހެދީ ތިން ޕާޓީ އަކާ އެކު ކަމަށާއި އެ ތިން ޕާޓީގެ ތެރެއިން އެއްޕާޓީން ކޯލިޝަން އުވާލި ކަމުގައި ވީ ނަމަވެސް އަދިވެސް ރާއްޖޭގައި އޮތީ ކޯލިޝަން ސަރުކާރެއް ކަމަށެވެ. އަދި މިހާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި އެމްޑީއޭގެ ގުޅުން އޮތީ ވަރަށް ބަދަހިކޮށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މިހާރު ކުރަމުން ދަނީ ކޯލިޝަން ސަރުކާރެއް ކަމުގައި ވީ ނަމަވެސް ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ވަކާލާތު ނުކުރައްވާނެ ކަމަށެވެ. އަދި ކޯލިޝަން އަކީ ބަރުލަމާނީ ނިޒާމެއްގެ ސިފައެއް ކަމަށް ވީ ނަމަވެސް އެކަމަކީ ރިޔާސީ ނިޒާމަކާ ތައާރުޒް ވާ ކަމެއް ނޫން ކަމަށް މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ ކޮންމެ ގައުމެއްގައިވެސް އެގައުމުގެ ހާލަތާއި ވިންދު ބަދަލުވާ ފަދައިން ކަންކަންވެސް ބަދަލު ވާނެ ކަމަށެވެ.
ގާނޫނު އަސާސީއާ ހިލާފަށް ކުރެވުނު ކަމެއް ދައްކަން ޖެހޭ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ