ސިއްހީ ދާއިރާގެ ފަންނީ ވަޒީފާތަކަށް 100 ބިދޭސީން ހޯދަނީ

ރާއްޖޭގެ ސިއްހީ ދާއިރާއަށް ފަންނީ މީހުންގެ ގޮތުގައި ބޭނުންވާ 100 އެއްހާ ބިދޭސީން ހޯދަން އިއުލާންކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ހޯދަން އިއުލާންކޮށްފައިވާ ފަންނީ މީހުންގެ ތެރޭގައި 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، 50 ބިދޭސީ ނަރުހުންނާއި އަދި 25 މެޑިކަލް އޮފިސަރުން ހިމެނެ އެވެ.
ޑޮކްޓަރުން ހޯދާ ހާއްސަ ބަލިތައް
ރޭޑިއޮލޮޖިސްޓް: 9އެނެތެޓިސްޓް: 6އިންޓާނަލް މެޑިސިން: 4ގައިނޮކޮލޮޖިސްޓް: 3ޕީޑިއަޓްރިޝަން: 3
ޑޮކްޓަރުންނަށް މުސާރައިގެ ގޮތުގައި ދޭން ނިންމާފައިވަނީ އަސާސީ މުސާރައިގެ ގޮތުގައި 30،990 ރުފިޔާއާއި އެކޮމޮޑޭޝަން އެލަވަންސަށް 7،000 ރުފިޔާ އާއި ފުޑް އެލަވަންސަށް 2،400 ރުފިޔާ އެވެ.
ނަރުހުންނަށް އަސާސީ މުސާރައިގެ ގޮތުގައި 9،060 ރުފިޔާއާއި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 120 ރުފިޔާގެ ސާވިސް އެލަވަންސްގެ އިތުރުން އެކޮމޮޑޭޝަނާއި ފުޑް އެލަވަންސަށް 4،800 ރުފިޔާ ދިނުމަށްވެސް ނިންމާފައިވެ އެވެ.
މެޑިކަލް އޮފިސަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި 15،090 ރުފިޔާއާއި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 275 ރުފިޔާގެ ސާވިސް އެލަވަންސެއްގެ އިތުރުން އެކޮމޮޑޭޝަން އެލަވަންސަށް 3،000 ރުފިޔާ އަދި ފުޑް އެލަވަންސަށް 1،800 ރުފިޔާ ދިނުމަށްވެސް ނިންމާފައިވެ އެވެ.
ހެލްތު މިނިސްޓްރީން ވަކިވަކިން ކޮށްފައިވާ އިއުލާންތަކެއްގައި ވަނީ ބަޔޯމެޑިކަލް އިންޖީނިއަރަކާއި ތިން ލެބޯޓްރީ ޓެކްނީޝަނުންގެ މަގާމަށްވެސް ބިދޭސީން ހޯދުމަށް އިއުލާންކޮށްފަ އެވެ.
މަގާމުތަކަށް ކުރިމަތިލުމަށް ފުރުސަތު ދީފައިވަނީ ކުރިއަށް އޮތް ޖޫން މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއަށް ފަންނީ މީހުންގެ ގޮތުގައި ބޭނުންވާ 100 އެއްހާ ބިދޭސީން ހޯދަން އިއުލާންކުރުމާ ގުޅިގެން ސޯޝަލްމީޑިއާގައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. ފާޑުކިޔާ މީހުން ބުނާ ގޮތުގައި ސިއްހީ ދާއިރާ އިން ކިޔަވާފައިވާ ދިވެހިންގެ ތެރެއިން ބައެއް ދިވެހިންނަށް ވަޒީފާ ހަމަޖެހިފައި ނުވާއިރު ބިދޭސީން ހޯދުމަކީ އިންސާފެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ