ދިއްގަރު ދާއިރާގެ މެމްބަރުގެ ޝަރީއަތް އަދި ތާވަލެއް ނުކުރޭ: ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްގެ ޝަރީއަތް މިއަދަށް ތާވަލްކުރި ކަމަށް ދެކެވޭ ވާހަކަ ސުޕްރީމް ކޯޓުން ދޮގުކޮށްފި އެވެ. ސަން އަށް މައުލޫމާތު ދެއްވަމުން ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ނާޒިމްގެ މައްސަލަ އަދި ތާވަލްނުކުރާ ކަމަށާއި ބައެއް މީޑިއާތަކުގައި އެގޮތަށް ރިޕޯޓުކުރިނަމަވެސް އެއީ ދޮގެއް ކަމަށެވެ. "އަހްމަދު ނާޒިމްގެ މައްސަލަ އަދި ޝެޑިއުލް ކުރެވިފައެއް ނެތް. ޝެޑިއުލްކުރާ މައްސަލަތައް ސުޕްރީމް ކޯޓުގެ ވެބްސައިޓުން ފެންނަން ހުންނާނެ،" އޮފިޝަލް ވިދާޅުވި އެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ނާޒިމްގެ މައްސަލަ ތާވަލްކުރި ކަމެއް ސުޕްރީމް ކޯޓުން އެ އޮފީހަށް އަންގާފައިނުވާ ކަމަށެވެ. ނާޒިމްގެ މައްޗަށް ދައުލަތުން ކުރި މަކަރާއި ހީލަތް ހެދުމުގެ ހަތަރު ދައުވާގައި ވެސް ކްރިމިނަލް ކޯޓާއި ހައިކޯޓުން ހުކުމް ކޮށްފައި ވަނީ، ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު ނާޒިމްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވެން ނެތް ކަމަށެވެ. ދައުލަތުގެ ފަރާތުން އެ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ ދައުލަތުން ހުށަހެޅި ހުރިހާ ހެކީންގެ ހެކިބަސް ނަގާފައެވެ. މިހާރު އެ މައްސަލައިގެ އަޑުއެހުންތައް ވެސް ސުޕްރީމް ކޯޓުން ވަނީ ނިންމާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ