ނަޝީދު ނުފޫޒު ފޯރުއްވާ ކަމަށް އެމްޑީޕީން ނުދެކޭ ކަމަށް ޝުއައިބަށް އަންގައިފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ދުރު ކުރުމަށާއި އެ ނޫން ވެސް ބައެއް ކަންކަމުގައި މަގާމުގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނުފޫޒު ފޯރުއްވައި އަސާސީ ގަވާއިދާ ޚިލާފަށް އަމަލުކުރައްވާ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ހުށަހެޅުއްވި ކަންކަން ނުބަލަން އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ސޮއި ކުރައްވައި ޝުއައިބަށް ފޮނުއްވި ސިޓީގައި ވިދާޅުވީ މިނިސްޓަރު ފައްޔާޒްއާ ބެހޭ ގޮތުން ނަޝީދު އެ ޕާޓީއަށް ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންނެވި ކަންތައްތަކަކީ ވަޒީރުންނަށް ނުފޫޒު ފޯރުއްވުން ކަމަށް ނުދެކޭ ކަމަށެވެ. ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު އެދިވަޑައިގެންފައިވާ ކަންތައްތައްތައް ކުރުމުގައި ޕާޓީގެ އުސޫލުތަކާ ހިލާފަށް ވަސީލަތްތައް ބޭނުންކުރަން ނުޖެހޭ ކަމަށާއި ބޭނުން ނުވެސް ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
"...ޕާޓީގެ ރައީސް އެދިވަޑައިގެންފައިވާ ކަންކަމަކީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ނަހަމަ ނުފޫޒު ފޯރުވުންކަމުގައި އަޅުގަނޑު ނުދެކޭ ކަމުގައި ވެސް ދަންނަވަމެވެ،" ޝުއައިބަށް ދެއްވި ޖަވާބުގައި ހަަސަން ވިދާޅުވި އެވެ.
ހަސަން ލަތީފަށް ފޮނުއްވި ސިޓީފުޅެއްގައި ނަޝީދު އެދިވަޑައިގެންނެވީ މަގާމުގެ މަސްއޫލިއްޔަތު ތަކުން ފައްޔާޒް އެކަހެރިވެވަޑައިގަންނަވަން ދެންނެވުމަށެވެ.
އެ ސިޓީފުޅާ މެދު ނުރުހުން ފާޅުކުރައްވައި ޝުއައިބު ފޮނުއްވި ސިޓީގައި އެދިވަޑައިގަތީ ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށެވެ. އެއާ އެކު ނަޝީދަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެއްވި އެވެ. ވަޒީރުންގެ މަޖިލީހަށް ނަޝީދު ސިޔާސީ ނުފޫޒު ފޯރުއްވާ ކަމަށް ކުރައްވާ ކަމަށް ކުރައްވާފައިވާ ތުހުމަތަކީ އެފަދަ އެއް ތުހުމަތެވެ.
ހަސަން ލަތީފް ވިދާޅުވި ގޮތުގައި ނަޝީދު ފޮނުއްވި ސިޓީފުޅަކީ އަމިއްލަފުޅު ހައިސިއްޔަތުން ފޮނުއްވާފައިވާ ސިޓީފުޅެއް ވެސް ނޫނެނެވެ. އެއީ އެމްޑީޕީގެ ރައީސްގެ ހައިިސިއްޔަތުން ޕާޓީގެ ރައީސްގެ ހިޔާލުފުޅާ އެކު ފޮނުއްވާފައިވާ ރަސްމީ ސިޓީފުޅެކެވެ. އެމްޑީޕީގެ ރައީސްކަމުގެ މަގާމަކީ އެޕާޓީގެ އެންމެ އިސް މަގާމުކަމަށާއި އެޕާޓީގެ ސިޔާސީ ހަރަކާތްތަކުގެ ހިންގުމުގެ އެންމެ އިސް ފަރާތް ކަމަށް ވެސް ސިޓީގައި ހަސަން ވިދާޅުވި އެވެ.
"އެހެންކަމުން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅު ޕާޓީގެ އާއްމު މެމްބަރުންނާ ހިއްސާކުރެއްވުމާއި އެ ވިސްނުންފުޅާ އެއްގޮތަށް ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގެވުމުގެ އިސް ދައުރު އަދާކުރެއްވުމަކީ ޕާޓގެ ރައީސްގެ މަސައްކަތުގެ މަސްއޫލިއްޔަތެކެވެ،" އޭނާ ވިދާޅުވި އެވެ.
އެމްޑީގެ އެންމެ އިސް މަގާމަކީ ޕާޓީގެ ރައީސް ކަމަށް ޝުއައިބަށް ފޮނުއްވި ސިޓީގައި ހަސަން ވިދާޅުވި ނަމަވެސް އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ ޕާޓީ ވެރިކަމުގައި އޮންނަ ހާލަތުގައި ޕާޓީގެ އެންމެ އިސް ފަރާތަކީ ރައީސުލް ޖުމްހޫރިއްޔާ އެވެ. އެ އުސޫލުން ބަލާ ނަމަ، މިވަގުތު އެމްޑީޕީގެ އެންމެ އިސް ބޭފުޅަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ނަޝީދަކީ ޕާޓީގެ އިންތިޚާބީ މަގާމްތަކުގެ ތެރެއިން އެންމެ އިސް ބޭފުޅާ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަވަން ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ އިރު އެކަމުގައި އެމްޑީޕީގެ އެތެރޭގެ ކޯޅުމެއް މިހާރު ވަނީ އުފެދިފަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ނަޝީދު އެންމެ ފަހުން ވިދާޅުވެފައިވާ ގޮތުގައި ފައްޔާޒާ ދެކޮޅަށް އެމަނިކުފާނު މިހާރު ވަނީ 30 މެމްބަރެއްގެ ސޮއިހޯއްދަވައިފަ އެވެ.
ނަޝީދު އެ މަސައްކަތް ކުރިއަށް ގެންދަވާއިރު ރައީީސް ވިދާޅުވެފައި ވަނީ ފަައްްޔާޒަށް އިތުބާރު އެބަ އޮތް ކަމަށާއި އޭނާ ދިފާއުކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ