ޔައުގޫބު ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅައިފި އެވެ. ޔައުގޫބުގެ މެމްބަރު ކަމާމެދު ސުވާލު އުފެދުނީ، ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް އޭނާ އައްޔަން ކުރުމާ ގުޅިގެންނެވެ. ގާނޫނީ ދާއިރާގެ ބޭފުޅުން އެ ސުވާލު އުފެއްދެވުމުން އޭގެ އެއް ދުވަސް ފަހުން އިއްޔެ ޔައުގޫބު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޔައުގޫބުގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ، ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެއެވެ. އޭނާ މިއަދު "ސަން"އަށް ވިދާޅުވީ، މިއަދު ހެނދުނު އެ މައްސަލަ ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި މައްސަލަ ހުށަހަޅަފައިވަނި ގާނޫނުއަސާސީގެ އަށްވަނަ މާއްދާއާއި 78 ވަނަ މާއްދާގެ ދަށުން ކަމަށް ހަލީމް ވިދާޅުވިއެވެ. ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގެ ސިޔާދަތެވެ. އެގޮތުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ކަމަށް އެ މާއްދާގައި ބުނެއެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މެމްބަރަކަށް ވުމުގެ ޝަރުތުތަކާއި މެމްބަރުކަމުން ވަކިވާނެ ހާލަތްތައް އަދި މެމްބަރެެއްގެ ގޮތުގައި ހުރެ އަދާކޮށްގެން ނުވާނެ ވަޒީފާތަކެވެ. އެގިތުން އެ މާއްދާގެ (ރ)ގައި ބުނާ ގޮތުން، މަޖިލިހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ. "ކައިވެނިކޮށް، ވަރިކޮށްފައި ކައިވެނި ރުޖޫއުކުރާ އުސޫލުން މަޖިލީސް މެމްބަރުކަމުން ވަކިވުމަށްފަހު، މެމްބަރުކަން ރުޖޫއައެއް ނުކުރެވޭނެ،" ހަލީމް މީގެ ކުރިން "ސަން" އަށް ވިދާޅުވެފައިވެއެވެ. ޔަގޫބު ގޮނޑި ގެއްލިއްޖެ ކަމަަށް ކަނޑައެޅުމަށް ހާލީމް އެ މައްސަލަ ހުށަހެޅި އިރު، އިދިކޮޅު ޕީޕީއެމް ޕީއެންސީންވެސް ވަނީ އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށް ބުނެފައެވެ. އެ މައްސަލަ ޕީޕީއެމްގެ ފަރާތުން ވެއްދި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ ގޮތުން ޕީޕީއެމްގެ ރަސްމީ ބަހެއް ނުލިބެއެވެ. ޔައުގޫބު މީގެ ކުރިން "ސަން"އަށް ވިދާޅުވީ، އޭނާ އެ މަގާމުގައި އިނުމުގެ އެއްވެސް ގާނޫނީ މައްސަލައެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެންމެ ރަނގަޅު ގޮތަކީ، ތަނާޒުލުވުން ކަމަށް ވާތީވެ، އެގޮތަށް ނިންމެވީ ކަމަށް ވެސް ޔައުގޫބު ވިދާޅުވި އެވެ. "އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެ މަގާމުގައި ނީނދެވެންވީ އެއްވެސް ސަބަބެއް ނުއެއް ވިސްނޭ. ގާނޫނީ ގޮތުން ވަރަށް ގިނަ ވަކީލުންގެ ފަރާތުން ދެ ގޮތަށްވެސް ލަފާ ލިބުނު. އެހެން ނަމަވެސް ހިޔާލުތަފާތުވުންތައް އުޅޭތީވެ، އަޅުގަނޑު ނިންމީ، އެންމެ ބުއްދިވެރިކަމެއް ނޫން ކަމަށް ކުރިއަށް ދިއުމަށް،" ޔައުގޫބު ވިދާޅުވި އެވެ. ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އަކީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިފައިވާ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހުސެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ