އެކްޓަރު އަރްޝަދު ވާރްސީ ކަރަންޓު ބިލު ނުދެއްކިފައި

ފާއިތުވީ ދުވަސްތަކުގައި ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ ދުނިޔޭގެ ގިނަ ބަޔަކު ކުރަމުންދާއިރު ބޮލީވުޑް ތަރިން ވެސް މިކަމުން އިސްތިސްނާ އެއް ނުވެ އެވެ. ވަރަށް ގިނަ ފިލްމީ ތަރިން ވަނީ އެމީހުންގެ ކަރަންޓް ބިލްތައް ބޮޑުވުމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ބަންޑުންޖަހާފަ އެވެ.
އެގޮތުން އެކްޓަރު އަރްޝަދު ވާރްސީ ވެސް އޭނަގެ ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ ކޮށްފައި ވެއެވެ. އޭނާ ބުނި ގޮތުގައި މަހަކު ލައްކަ އަކަށް ވުރެ ގިނަ ރުޕީސް އޭނާ މިހާރު ކަރަންޓު ބިލް ދައްކަން ޚަރަދު ކުރަން ޖެހެ އެވެ.
އަރްޝަދު އަކީ ގިނަ ފިލްމުތަކެއްގައި ކޮމެޑީ ރޯލުތައް ކުޅޭ ވަރަށް މަޖާ އެކްޓަރެކެވެ. އެހެންވެ އޭނާގެ ޓުވީޓުގައި ވެސް މި މައްސަލަ ވަރަށް މަޖާކޮށް ހިއްސާ ކޮށްފައި ވެއެވެ.
"މިހާރު ކަރަންޓު ބިލަށް މި ދައްކަން ޖެހޭ ވަރު ގިނަ ކަމުން ދެން ޖެހޭނީ އަހަރެންގެ އަތުގައި ހުރި ޕެއިންޓިންގްސްތައް ވިއްކައިގެން ބިލު ދައްކަން. ދެން އަންނަ ބިލެއް ދައްކަން ކިޑްނީ ވިއްކާލަން ޖެހޭނެ ކަމަށް މި ބަލަނީ،" އަރްޝަދުގެ ޓުވީޓްގައި ބުނެފައި ވެއެވެ.
"ހެޔޮނުވާނެ މަގޭ ޕެއިންޓިންގްސް ގަނޭ. އެހެން ނޫނީ މި މަހުގެ ބިލެއް ނުދެއްކޭނެ. ދެން އަންނަ މަހުގެ ބިލް ދައްކަން ކިޑްނީ އެބަ ސަލާމަތް ކުރަން ޖެހޭ،" އަރްޝަދު ލިޔެފައި ވެއެވެ.
އަރްޝަދުގެ ޓުވީޓަށް ބައެއް ފިލްމީ ތަރިން ވެސް ޖަވާބު ދީފައި ވެއެވެ. ބަތަލާ ޝްރޫތީ އަރްޝަދަށް ޖަވާބު ދެމުން ބުނީ އޭނާއަށް އަރްޝަދުގެ ދެ ޕެއިންޓިން ލިބުނީ ކަމަށެވެ. ނަމަވެސް އަނެއްކާ އޭނާގެ ކަރަންޓު ބިލު ދައްކަން އެތަނުން އެ ޕެއިންޓިން ޖެހޭނީ ވިއްކާލަން ކަމަށެވެ.
އަރްޝަދު އަށް އެންމެ މަޖާ ޖަވާބެއް ދީފައިވަނީ އޭނާގެ ފޭނެކެވެ. އޭނާ ބުނީ އަރްޝަދު ވިއްކާ ޕެއިންޓިން ގަންނަން އޭނާގެ ކިޑްނީ ވިއްކާލަން ޖެހޭ ކަމަށެވެ. ފަހުން އަރްޝަދު ކުރި ޓުވީޓެއްގައި ބުނީ އޭނާގެ މައްސަލަ އަށް އިލެކްޓްރިސިޓީ ބޯޑުން ހައްލެއް ހޯދައިދީފި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ