ބަނދުކޮށްގެން އުމަރު ކޯޓަށް ހާޒިރުކުރަން އަމުރު ނެރެފި

ބަންދުގައި ބަހައްޓައިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން އެ ކޯޓުން އިއްޔެ ފުލުހުންގެ މައްޗަށް އަމުރުކޮށްފި އެވެ.
މި އަމުރު އިއްޔެ ނެރެފައިވާއިރު ފުލުހުން އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ކްރިމިނަލް ކޯޓްުން އެއްވެސް ވަރަކަށް މި މައްސަލައާ ގުޅިގެން ވާހަކައެއް ނުދެއްކި އެވެ. ނަމަވެސް މި އަމުރު ނެރެފައިވާކަން ވީނިއުސްއަށް ވަނީ ކަށަވަރުވެފައެވެ.
މިނިސްޓަރު އުމަރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރު ނެރުނީ އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާ ދައުލަތުގެ އަމްނަށް ގެއްލުން ލިބިދާނެ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނާ ދައުވާގެ ޝަރީއަތަށެވެ. އެ ދައުވާއަކީ މަޝްހޫރު "22 މުޒާހަރާ" ގައި އުމަރު ދައްކަވާފައިވާ ވާހަކަފުޅުތަކަކާ ގުޅިގެން އުފުލާފައިވާ ދައުވާއެކެވެ.
އުމަރު އިންކާރުކޮށްފައިވާ އެ ދައުވާގެ ޝަރީއަތް ހިންގަން އުމަރު ހާޒިރުކޮށްދޭން އަމުރެއް ނެރެފައިވާއިރު އުމަރު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. އަދި އިއްޔެ މި އަމުރު ނެރުނީ މިދިޔަ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހު ބާއްވަން ހަމަޖެއްސި ޝަރީއަތް ވެސް އުމަރު ހާޒިރުވެ ވަޑައި ނުގަތުމުން ބޭއްވޭ ގޮތް ނުވުމުންނެވެ.
އުމަރު ނެދެލޭންޑްސްއަށް ވަޑައިގެން އުޅުއްވަނީ މަސްތުވާތަކެތި އަތުލައިގަތުމަށް ބޭނުންވާ ކުއްތާ ހޯއްދެވުމަށް ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވާއިރު އެ މިނިސްޓްރީން ބުނެފައި ވަނީ މިިނިސްޓަރު އުމަރު މާލެ ވަޑައިގަތުމާއެކު ކޯޓަށް ވަޑައި ގަންނަވާނެ ކަމަށާއި ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ސިޓީއަކުން ކޯޓަށް އެކަން އެންގެވުމަށްފަހު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ