އަމީރު އަހުމަދު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހުއްދަދީފި

އަމީރު އަހުމަދު ތަރައްގީކޮށް ހިނގުމަށް އައިލެންޑަސް ގުރޫޕާއި ސިޓީ ކައުންސިލާއި ދެމެދުވެފައިވާ އެއްބަސްވުން ކުރިއަށް ގެންދިއުމަށް އެންމެފަހުން އެއްބަސްވެއްޖެއެވެ.
އެގޮތަށް އެއްބަސްވެ ލިޔެ ކިއުންތަކުގައި އެޑިއުކޭޝަން މިނިސްޓްރީއާއި ހައުސިން މިނިސްޓްރީ އަދި ސިޓި ކައުންސިލާއި އައިލެންޑަސް ގުރޫޕުން މިއަދުވަނީ ސޮއި ވެސް ކޮށްފައެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އައިލެންޑާސް ގުރޫޕުގެ ޗެއާމަން މަހުމާ އަބުދުއްރަޝީދު ވިދާޅުވީ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމީ ޕްރީ ސުކޫލު އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިނގާ ގޮތަށް ނިންމުމަށްފަހު ކަމަށެވެ. އެހެން ކަމުން އެކަމައްޓަކާ ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް އޮތް ހަތަރު މަހުގެ ތެރޭގައި ކޮށް ނިންމުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.
އައިލެންޑާސް ގުރޫޕާއި އަމީރު އަހުމަދު 25 އަހަރު ދުވަހަށް ހިނގުން ހަވާލުކޮށްފައިވަނީ ސިޓި ކައުންސިލުންނެވެ. ނަމަވެސް އަމީރު އަހުމަދު ހިނގަމުން ގެންދާ ބިމަކީ ސިޓި ކައުންސިލުގެ ބިމެއް ނޫން ކަމަށް ބުނެ ސަރުކާރުންވަނީ ދައުވާކޮށްފައެވެ. އެމައްސަލައާއި ގުޅިގެން އަމީރު އަހުމަދު ތަރައްގީ ކުރުމުގެ މަޝްރޫއުވަނީ މެދުކެނޑިފައެވެ. މަޝްރޫއު ކުރިއަށް ގެންދިއުމަށް މިއަދު އެއްބަސްވެފައިވަނީ އެމައްސަލާގައި ކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ފަހު ކަމަށް ރަޝީދު ވިދާޅުވިއެވެ.
ރަޝިދު ވިދާޅުވީ އެމަޝްރޫއުގެ ދަށުން 10 ބުރީގެ ދެ އިމާރާތް އެތަނުގައި ހަދާނެ ކަމަށެވެ. އަދި އެތަނުގައި ޕްރީ ސުކޫލުގެ އިތުރުން ތިން އިންސްޓިޓުއޓެއް ހިނގުމަށް ނިންމާފައިވާ ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ. އަދި މަޝްރޫއު ނިމޭ އިރު އަހަރަކު 3000 ދަރިވަރުން އެތަނުން ތަމްރީނު ކުރެވޭނެ ކަމަށް ވެސް ރަޝިދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ