ދެ ބިދޭސީން ރަހީނު ކުރި ދިވެހި މީހާ 15 ދުވަހަށް ބަންދު ކުރުމަށް ހައި ކޯޓުން އަމުރުކޮށްފި

މާލޭގެ ގެއެއްގެ ތެރޭގައި ދެ ބިދޭސީން ރަހީނުކޮށްގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ރޭ ދަންވަރު ހައްޔަރުކުރި ދިވެހި މީހާގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުން އޭނާ ދޫކޮށްލުމަށް ކުރި އަމުރު ބާތިލްކޮށް، އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން ހައި ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފަިއ ވަނީ ހއ. ކެލާ އާބާދު، ޝައުކަތު އަބްދުﷲ އެވެ. އޭނާ އަކީ ދެ ބިދޭސީން ރަހީނުކޮށްފައި ތިބި ގޭގައި ހިންގަމުން ދިޔަ ބްރެކްސްކޯ ޕްރައިވެޓް ލިމިޓެޑާއި ބިސާޑޯ މޯލްޑިވްސް ކުުންފުނީގެ ޑިރެކްޓަރެކެވެ.
ދެ ބިދޭސީން ރަހީނުކޮށްފައި ތިބީ އެ ކުންފުނީގެ އޮފީސް ތެރޭގައެއެވެ. އެތަނަށް ފުލުހުން ވަދެފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ބާރުގެ ބޭނުންކޮށްގެނެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ފުލުހުން އެގެއަށް ވަތް އިރު ރަހީނުކޮށްފައި ތިބި ދެ ބިދޭސީންގެ ގައިގާ ތަޅައި މާރާމާރީ ހިންގާފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.
ކްރިމިނަލް ކޯޓުން ޝައުކަތު ދޫކޮށްލާފައި ވަނީ ބިދޭސީން ރަހީނު ކޮށްފައި ތިބި ތަނަށް ފުލުހުން ވަދެފައިވަނީ ކޯޓު އަމުރެއް ނުހޯދާ ކަމަށް ވާތީއެވެ.
ކްރިމިނަލް ކޯޓުގެ މި އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމަުން މައްސަލަ ބެއްލުމަށްފަހު ހައި ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ފުލުހުން އެގެއަށް ވަދެފައިވަނީ އެ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ފުލުހުން ވަންނަން ޖެހުނީ އެ ތަނުގެ ދޮރު ހުޅުވަން އެންގުމުން ވެސް ނުހުޅުވުމުން ކަމަށާއި، އެވަގުތު އެ އޮފީހުގެ ތެރޭގައި ޝައުކަތުގެ އިތުރުން ރަހީނުކޮށްފައި ތިބި ދެ ބިދޭސީންވެސް ތިބި ކަމަށެވެ.
އަދި ދެ ބިދޭސީންގެ ގައިގައި ތަޅާ މާރާމާރީ ހިންގާފައިވާކަން ފާހަގަކޮށް ހައި ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ވަގުތުން ފިޔަވަޅެއް ނާޅައިފި ނަމަ މީހެއްގެ މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެ މުދަލެއް ނުވަތަ އެ މީހަކު ސަލާމަތްކުރުމަށްޓަކައި، މީހަކު ދިރިއުޅޭ ތަނަކަށް އެ މީހެއްގެ ރުހުމެއް ނެތި ވަދެވިދާނެ ކަމާއި މި ހާލަތުގައި ކޯޓު އަމުރެއް އޮތުން ކޮންމެހެން ލާޒިމް ނޫން ކަމަށެވެ.
އަދި ޝައުކަތު ދޫކޮށްލާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ނޫން ކަމަށާއި، އޭނާ ދޫކޮށްލައިފި ނަމަ، ހެކިންނަށް ނުފޫޒު ފޯރުވުމާއި ހެކި ނައްތާލުމުގެ ބިރު އެބަ އޮތް ކަމަށް ފެންނާތީ އަންގާރަ ދުވަހުން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ޝައުކަތު ބަންދުކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ ދެ ބިދޭސީން ރަހީނު ކުރުމަށްފަހު ގިނައަދަދެއްގެ ފައިސާ އަތުލާފައި ވާކަން މިހާތަނަށް ބެލި ބެލުމުން އެނގިފައި ވާކަމަށާއި މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޝައުކަތުގެ އިތުރުން، މި ކަމުގައި ބިދޭސީއަކާއި އިތުރު ދިވެހިންގެ ބަޔަކު ބައިވެރިވެފައި ވާކަން މިހާތަނަށް ފާހަގަ ކުރެވިފައި ވާކަމަށެވެ.
އެހެންކަމުން އެމީހުން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ