އިޒްރޭލުން ސުލްހައިގެ ވާހަކަ ހުއްޓާލުމުން ފަލަސްތީނުން ގޮތެއް ނިންމަނީ

ރާމަﷲ (އޭޕްރީލް 24) - ފަލަސްތީނުގެ ހަމާސް ޖަމާއަތާ އެކު ރައީސް މަހްމޫދު އައްބާސްގެ ފަތަހަ ޖަމާއަތުން އެއްބައިވަންތަ ކަމުގެ ސަރުކާރެއް ގާއިމުކުރަން ނިންމުމާ އެކު ސުލްހައިގެ ވާހަކަތައް ހުއްޓާލަން އިޒްރޭލުން ނިންމާފައި ވާތީ ދެން އަޅާނެ ފިޔަވަޅަކާ މެދު ވިސްނަމުން އަންނަ ކަމަށް ފަލަސްތީނުން މިއަދު ބުނެފި އެވެ. "ފަލަސްތީނު ސަރުކާރާ ދެކޮޅަށް އިޒްރޭލު ސަރުކާރުން އެޅި ފިޔަވަޅާ ގުޅިގެން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކާ މެދު މި ދަނީ ވިސްނަމުން،" ފަލަސްތީނުގެ ފަރާތުން ސުލްހައިގެ ވާހަކަތަކުގައި އިސްކޮށް ހުންނަވާ މަންދޫބު ސާއިބު އުރޭގާތު ވިދާޅުވި އެވެ. އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި އުރޭގާތު ވިދާޅުވީ ފަލަސްތީނަށް މިވަގުތު އެންމެ މުހިންމީ ގައުމީ އެއްބައިވަންތަކަން އިސްކުރުން ކަމަށެވެ. ފަލަސްތީނުގެ ރަސްމީ ސަރުކާރުގެ ގޮތުގައި ދުނިޔެއިން ބަލަމުން އަންނަ ޕެލަސްތައިން ލިބެރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އާއި ހަމާސް ޖަމާއަތާ ދެމެދު ގާއިމުކުރި އެއްބަސްވުމެގެ ދަށުން ފަަސް ހަފުތާ ތެރޭ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލަން ވަނީ އެއްބަސްވެފަ އެވެ. އެ ސަރުކާރުގައި ވެސް އިސްކޮށް ހުންނަވާނީ މިހާރުގެ ރައީސް މަހްމޫދު އައްބާސް އެވެ. އަދި އެ ސަރުކާރުން ވެރިކަމާ ހަވާލުވާތާ ހަ މަސް ދުވަހުގެ ތެރޭ ރިޔާސީ އަދި އާންމު އިންތިހާބު ބޭއްވުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ. އިޒްރޭލާއި އެމެރިކާ އިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ބަލަމުން އަންނަ ހަމާސްއާ އެކު އެއްބައިވަންތަކަން ގާއިމުކުރުން ނިންމުމުން އިޒްރޭލާއި އެމެރިކާ އިން ވެސް ބުނެފައި ވަނީ މިއީ ސުލްހަޔަށް އެޅުނު ހުރަހެއް ކަމަށެވެ. އެމެރިކާ މެދުުވެރިއެއްގެ ދައުރު އަދާކޮށްގެން ފެށި ސުލްހައިގެ ވާހަކަތައް ހުއްޓުމަކަށް އައިސްފައި ވާއިރު ފަލަސްތީނުން އެކަމުގައި ކުށްވެރިކުރަނީ އިޒްރޭލެވެ. އިޒްރޭލުން ބުނަނީ ފަލަސްތީނުން ގޮތް ދޫނުކުރުމަކީ ވާހަކަތައް ހުއްޓުނު ސަބަބު ކަމަށެވެ. ފަލަސްތީނުން ބުނެފައި ވަނީ ވާހަކަތައް ކުރިއަށް ގެންދިއުމުގައި އިތުބާރު ގެއްލުނީ އިޒްރޭލުން މިނިވަންކުރަން އެއްބަސްވި ފަލަސްތީނު އަސީރުންގެ އެންމެ ފަހު ގްރޫޕް މިނިވަން ނުކުރުމުން ކަމަށެވެ. އެ އަސީރުން މިނިވަން ކުރުމަށް އިޒްރޭލުން އިންކާރު ކުރީ ސުލްހައިގެ ވާހަކަތަކުގެ ސުންގަޑި މި މަހުގެ 29 އަށް ހަމަވާއިރު އެ މުއްދަތު އިތުރު ކުރުމަށް ފަލަސްތީނުން ދެކޮޅުހަދާތީ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ