އަބްދުﷲ ގާޒީ އަށް ފިޔަވަޅު އަޅައިދޭން އެދި ސިޓީ ފޮނުވީ ތޮލްހަތު ވިދާޅުވެގެން: ފަސީހު

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އާ މެދު ފިޔަވަޅު އަޅައިދޭން އެދިވަޑައިގެން ސިފައިންނަށް ސިޓީ ފޮނުއްވީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނު ވިދާޅުވެގެން ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު މިއަދު ވިދާޅުވެއްޖެ އެވެ. އޭނާ އެގޮތަށް ވިދާޅުވީ އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ތޮލްހަތުގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ ޝަރީއަތުގެ ދައުލަތުގެ ހެކިވެރިއެއްގެ ހައިސިއްޔަތުން ހެކިބަސް ދެއްވަމުންނެވެ. ހެކިބަސް ދެއްވަމުން ފަސީހު ވިދާޅުވީ އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އަޅައިދޭން އެދިވަޑައިގެން ސިފައިންނަށް ސިޓީ ފޮނުއްވީ އެކަން އެގޮތަށް ކުރުމަށް އޭނާ އަރިހު ތޮލްހަތު ވިދާޅުވުމުން ކަމަށެވެ. އަދި އެގޮތަށް ވިދާޅުމުން އޭނާ ސޮއިކުރައްވާ ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށާއި ނަމަވެސް އެ ސިޓީގައި އޮންނާނީ އަބްދުﷲ ގާޒީއާމެދު ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގެންފައި ކަމަށް ފަސީހު ވިދާޅުވި އެވެ. ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކޮށް ނުވަތަ ބަންދުކުރަން އެދިވަޑައިގެންފައި ނުވާނެ ކަމަށާއި އެދިވަޑައިގެންފައި ވާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅުއްވައިދެއްވަން ކަމަށް ވެސް ފަސީހު ވިދާޅުވި އެވެ. ފަސީހު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފް ވެސް އޭނާ އަށް އެންގެވި ކަމަށާއި ނަމަވެސް މަތީ ކޯޓެއްގެ އަމުރެއް ނެތި އެކަން ނުކުރެވޭނެ ކަމަށް އަފީފަށް ދެންނެވި ކަމަށެވެ. ނަމަވެސް އަބްދުﷲ ގާޒީ ބަންދުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި ކަމަށާއި އަދި އެކަން އެގޮތަށް ހިނގާނެ ކަމަށް އޭގެފަހުން ތޮލްހަތު ވިދާޅުވި ކަމަށް ވެސް ފަސީހު ވިދާޅުވި އެވެ. ނަމަވެސް އަބްދުﷲ ގާޒީ ބަންދުކުރުމަށް ހިންގި އޮޕަރޭޝަންގައި ފުލުހުންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ތޮލްހަތުގެ ވަކީލް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފަސީހު ވިދާޅުވީ އަބްދުﷲ ގާޒީގެ ސަބަބުން ދިމާވާ ދަތިތަކުގެ ވާހަކަ ހަސަން އަފީފަށާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އަރިހުގައި ވެސް ވިދާޅުވެފައިވާނެ ކަމަށެވެ. އަދި ފުރުސަތެއް ލިބިވަޑައިގެންފި ނަމަ އެ ވާހަކަތައް ރައީސް ނަޝީދާ ވެސް ހިއްސާ ކުރައްވާ ކަމަށް ފަސީހު ވިދާޅުވި އެވެ. އަދި އެ ވާހަކަތައް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވައި ވެސް ދެއްކި ކަމަށް ވެސް ފަސީހު ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު ގާޒީގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރެއްވިންތޯ އާއި ނުކުރައްވާ ނަމަ ނުކުރެއްވީ ކީއްވެގެންތޯ ދައުލަތުގެ ވަކީލް ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ފަސީހު ވިދާޅުވީ އެ މައްސަލަ ތަހުގީގު ނުކުރައްވާ ކަމަށާއި އެކަން ނުކުރެއްވީ އަބްދުﷲ ގާޒީ ބަންދުކުރީ ގާނޫނާއި ހިލާފަށް ކަމަށްވާތީ ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި ދެވަނަ އަށް ހެކިބަސް ދެއްވީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް އަތީފެވެ. އަތީފް ވިދާޅުވީ އޭނާ ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ބަޔާނެއް ދެއްވާފައިވާނެ ކަމަށާއި ނަމަވެސް ހިއުމަން ރައިޓްސް ކޮމިޝަނަށް ފުރަތަމަ ބަޔާން ދެއްވީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ހުންނަވައިގެން ކަމަށެވެ. އެހެންވުމުން ފަހުން އެ ބަޔާން އިސްލާހުކޮށް ބައެއް ބަދަލުތައް ގެނެސްފައިވާނެ ކަމަށް އަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަބްދުﷲ ގާޒީގެ މައްޗަށް ފުލުހުން އޭރު ކޮށްފައިވަނީ ކޮރަޕްޝަންގެ ތުހުމަތެއް ކަމަށާއި ނަމަވެސް އެއީ މީހަކު ބަންދުކުރަންޖެހޭ ވަރުގެ ކުށެއް ނޫން ކަމަށެވެ. އަދި ބަންދުކުރުމުގައި ސިފައިންގެ އެހީތެރިކަމަކަށް އެދިވަޑައިގެންފައި ނުވާނެ ކަމަށާއި އަދި ބަންދުކުރުމުގައި ފުލުހުންގެ އެއްވެސް ބައިވެރިވުމެއް ވެސް ނޯންނާނެ ކަމަށް އަތީފް ވިދާޅުވި އެވެ. މިއަދު ހެކިބަސް ނަގާފައިވަނީ އެ ދެ ބޭފުޅުންގެ އެކަންޏެވެ. މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުން ވިދާޅުވީ އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުން އަންނަ އަންގާރަ ދުވަހު އޮންނާނެ ކަމަށާއި އެ ދުވަހު ވެސް ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނަންގަވާނެ ކަމަށެވެ. އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި ދައުވާކުރަނީ ތޮލްހަތުގެ އިތުރުން ކުރީގެ ރައީސް މުހަންމަދު ނަޝީދާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް )ރިޓަޔާޑް( މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް )ރިޓަޔާޑް( އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ. މިހާތަނަށް ނުފަށާ އޮތީ މޫސާ އަލީ ޖަލީލްގެ ޝަރީއަތް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ