ސްކޫލްތަކަށް ގާސިމް ތަކެތި ހަދިޔާކުރައްވާ މައްސަލަ އެމްޑީޕީން އިލެކްޝަނަށް ހުށަހަޅައިފި

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އިންތިހާބަށް ނުފޫޒު ފޯރުއްވުމަށް އައްޑު އަތޮޅު ސްކޫލްތަކަށް ތަކެތި ހަދިޔާކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ހުށަހަޅައިފި އެވެ. އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ މިއަދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ދިދަތައް ޖަހައި ބޮޑު އޮޑިއެއްގައި މިދިޔަ ހުކުރު ދުވަހު މާލެއިން އައްޑޫގެ ސްކޫލްތަކަށް ކޮމްޕިއުޓަރާއި އޭސީ އާއި އެލްސީޑީ ޓީވީ ފަދަ ތަކެތި ހަދިޔާކޮށްފައިވާ ކަމަށެވެ. އެއީ ރިޝްވަތު ދީގެން ކެމްޕޭނަށް ނުފޫޒު ފޯރުވުން ކަމަށާއި އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެ ތަކެއްޗާ ހަވާލުވާން ގޮސް ތިބީ ސްކޫލުގެ މުވައްޒަފުން. ކެމްޕޭނަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުމަކީ ގާނޫނުތަކުން މަނާކޮށްފައިވާ ކަމެއް. އެ މައްސަލަ އިލެކްޝަނަށް ހުށަހެޅީ ހެއްކާ ވެސް އެކުގައި. އެ މައްސަލަ ކުރިއަށް ގެންދާގޮތް ވަރަށް ގާތުން އަޅުގަނޑުމެން ބަލާނަން،" އިމްތިޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގައި ކެމްޕޭން ކުރާއިރު، ހަދިޔާ ދިނުމާއި ރިޝްވަތު ދިނުން ފަދަ ކޮރަޕްޝަންގެ އަމަލުތައް ހުއްޓަން ޖެހެ އެވެ. ކެމްޕޭނަށް ނުފޫޒު ފޯރުވުމުގެ ބަދަލުގައި ސާފު ކެމްޕޭނަކުން މޮޅުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކި ރަށްރަށުގެ ސްކޫލްތަކުން ޕްރޮޖެކްޓަރާއި ސްމާޓް ބޯޑާއި އެ ނޫން ވެސް އަގު ބޮޑު ތަކެއްޗަށް އެދިފައިވާތީ އެތަކެތި ފޯރުކޮށްދެއްވަމުން އަންނަ ކަމަށް ގާސިމް ވިދާޅުވެފައިވާތީ އެކަން ކުށްވެރި ކުރައްވައި އިމްތިޔާޒު ވިދާޅުވީ އެއްވެސް ރިޔާސީ ކެންޑިޑޭޓަކަށް އެގޮތަށް ނުފޫޒު ފޯރުއްވިގެން ނުވާނެ ކަމަށެވެ. "އެއީ [ހަދިޔާ ފޯރުކޮށްދިނުމަކީ] އިޖުތިމާއީ ކަމެއްގެ ގޮތުގައި ބަލައި ނިންމާލާ ކަމަށް ވާނަމަ ކެމްޕޭންގައި ރިޝްވަތެއް އޮންނާނެހެން ހިއެއް ނުވޭ. އެހެންވީމަ އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް އެގޮތަށް އިޖުތިމާއީ އެހީތަކެއް ނުދެވޭނެ،" އިމްތިޔާޒު ވިދާޅުވި އެވެ. ގާސިމް ސްކޫލްތަކަށް ހަދިޔާކުރެއްވި ތަކެއްޗަކީ މި އަހަރުގެ ފެބްރުއަރީ މަހު، އައްޑު އަށް ކުރެއްވި ދަތުރުގައި ސްކޫލްތަކަށް ވަޑައިގަތުމުން އެ ސްކޫލްތަކުން ބޭނުންވެގެން އެދުނު ބައެއް ތަކެތި ކަން އެނގިފައިވެ އެވެ. ގާސިމް އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރާ ދިމާކޮށް، ސްކޫލްތަކުން އެދުނު ބައެއް ތަކެތި ހަދިޔާކޮށްފައިވާ އިރު، ބާކީ ހުރި ތަކެތި ވަރަށް އަވަހަށް ލިބޭނެ ކަމަށް ވެސް ވަނީ އަންގައިފަ އެވެ. އިލެކްޝަނުން ބުނެފައި ވަނީ އިންތިހާބަށް ނުފޫޒު ފޯރާ ގޮތަށް އެއްވެސް ކެންޑިޑޭޓަކަށް އެހީއެއް ނުދެވޭނެ ކަމަށެވެ. އެހެން ނަމަވެސް އިޖުތިމާއީ ގޮތުން ކުރިން ވެސް ވެދެއްވަމުން އައި އެހީތެރިކަމެއް ހުއްޓާލަން ނުޖެހޭ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ