ކަސްޓަމްސް ކައިރިން ފެނުނު އައިއީޑީ އަކީ ފޭކެއް، އެކަން ކުރި ބަޔަކާ މެދު ފިޔަވަޅު އަޅާނަން: އުމަރު
ކަސްޓަމްސް ސަރަހައްދުން ރޭ ފެނުނީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ)އެއް ނޫން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެން ސަލާމަތީ ބާރުތަކުން ރޭ ދަންވަރު ވަނީ ސަލާމަތީ ފިޔަވަޅުތަކާ އެކު ކަސްޓަމްސް ސަރަހައްދު ބަލައި ފާސްކޮށްފަ އެވެ. އަދި ބޮމެއް ކަމަށް ރިޕޯޓް ކުރި އެތި ހޯދައި މާފަންނު ސްޓޭޑިއަމަށް ގެންގޮސްގެން ޗެކްކުރި އެވެ. އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ އައިއީޑީއެއް ކަމަށް މައުލޫމާތު ދިނީ ބަޔަކު ގަސްތުގައި، އާއްމުންގެ މެދުގައި ހާސްކަން އުފެއްދުމަށް ކަމަށެވެ. އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. ސްޓެލްކޯ ސަރަހައްދުގައި ވެސް ބޮމެއް އޮތް ކަމަށް ބަޔަކު އިއްޔެ ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ. އެ ރިޕޯޓާ ގުޅިގެން ސިފައިންނާއި ފުލުހުން އެ ސަރަހައްދުގެ ގެތަކާއި ތަންތަން ބަލައި ފާސްކުރި އެވެ. އެކަމު އެއީ ވެސް އައިއީޑީއެއް ނޫނެވެ. ހަލާކުވެފައި އޮތް ކާރެއްގެ ބޮނެޓް ތެރޭގައި ބޮމެއް އޮތް ކަމަށް ހީކޮށް ރިޕޯޓްކުރީ އޭގެ ކަރަންޓް ނަރުތައް އޮޅިފައި އޮތް ތަން ފެނިގެން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އަށް ފަހު ފުލުހުން ހިންގާ ތަހުގީގުގައި ގިނަ އަދަދެއްގެ ހަތިޔާރާއި ގޮވާ ތަކެތި ވަނީ އަތުލައިގެންފަ އެވެ. އަދި އެފަދަ އިތުރު ހަތިޔާރު އާއްމުންގެ އަތުގައި ހުރެދާނެ ކަމަށް ބެލެވޭތީ ރާއްޖޭގައި ވަނީ އެއް މަސް ދުވަހަށް ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ