ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މަރުގެ މައްސަލަތައް ވަރަށް އަވަހަށް ނިންމައިދޭނެ ކަމުގެ ޔަގީންކަން ސުޕްރީމް ކޯޓުން ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ ބިންގާ އެޅުމަށް މިރޭ ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގާދިޔަ މާރާމާރީތަކެއްގައި ދެ ޒުވާނަކު މަރާލާފައިވާ މައްސަލައާއި ގުޅިގެން ރައީސް ވިދާޅުވީ އެއީ މުޅި ގައުމަށް ހިތްދަތިކަން ގެނެސްދިން ހާދިސާއެއް ކަމަށެވެ.
ރައީސް ވިދާޅުވީ މީހެއްގެ ޖިސްމަށް ނަފްސަށް އަނިޔާދީ ގެއްލުން ދިނުމަކީ މިސަރުކާރަށް ހަޖަމުކުރެވޭނެ ކަންކަމެއް ނޫން ކަމަށާއި އެފަދަ ކަންކަމާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅު މިސަރުކާރުން އަޅާނެ ކަމަށެވެ. އެގޮތުން މިރޭ ވެސް ރައީސް ވިދާޅުވީ މީހަކު މެރުމަށް ސުޕްރީމް ކޯޓުން ނިންމައިފިނަމަ އެމަނިކުފާނުގެ ސަރުކާރުން އެ ހުކުމް ތަންފީޒު ކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އަދުލު އިންސާފާ ހަމައަށް މިދެވެނީ މަރުހަލާތަކެއް ފުރިހަމަކޮށްގެން ކަމަށްވާތީ އެމަރުހަލާތައް އަވަހަށް ފުރިހަމަވެ އަދުލު އިންސާފު ގާއިމުވާންޖެހޭ ކަމަށެވެ. ސަރުކާރުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށާއި އަދި ފުލުހުންވެސް މައްސަލަތައް ތަހުގީގުކޮށް ދައުވާކުރަން ފޮނުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މަރުގެ މައްސަލަތައް ވަރަށް އަވަހަށް ނިންމައިދޭނެ ކަމުގެ ޔަގީންކަން ލިބިވަޑައިފެންފައިވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މިފަދަ ޖިނާއީ ބޮޑެތި މައްސަލަތައްވެސް ދެން ހިނގާނެ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
"މިކަންކަމަކީ ރައީސް ބުނެގެން ކުރަންޖެހޭ ކަންކަމެއްވެސް ނޫން. މިކަންކަމަކީ މުޅި ރައްޔިތުންގެ ހައްގުގައި އެކަމެއް ބެލުމުގެ ޒިންމާ އޮތް މުއައްސަސާއަކުން އެ ޒިންމާއެއް އުފުއްލަން ޖެހޭ ކަންކަން. އަޅުގަނޑުމެންގެ ތެރޭ ހިތާމައަކީ ހަމަ ފާހަގަކުރަންޖެހެނީ މިކަންކަމާ ދޭތެރޭ މިއޮންނަ މަރުހަލާ ދިގުލައިގެން ދިޔައީމާ މިކަހަލަ މިކަހަލަ ކަންކަމަށް އަރައިގަތުން ނޫނީ މިކަހަލަ ކުށްތަކަށް އަރައިގަތުން އިތުރުވެގެން މިދަނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޝަރީއަތްތައް އަވަހަށް ހިންގުމަށްފަހު މައްސަލަތަކުގައި އަވަހަށް ގޮތެއް ނިންމުމުން، ކުށްކުރުން ދެން ފުދިއްޖެ ކަމަށް ރައްޔިތުން ދެކޭނެ ކަމަށެވެ. މީހެއްގެ ފުރާނަ ދިއުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށާއި މީހުން މެރުމަކީ ރާއްޖޭގައި އެއްގޮތަކަށްވެސް އާންމުވެގެން ދިއުމަށް އެދޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"މިރޭވެސް އަޅުގަނޑު ހަމަތަކުރާރުކުރަން ބޭނުންވޭ އިރާދަކުރެއްވިއްޔާ މިސަރުކާރު ދެމިއޮތްހާ ހިނދަކު މަރުގެ ހުކުމް ތަންފީޒުކުރާނެ. މިކަމާ ދޭތެރޭގައި ދެވަނަ ވިސްނުމެއް ދެވަނަ ހިޔާލެއް މިކުށްތަކަށް އަރައިގަންނަ މީހުން މިރޭވެސް ދެވަނަ ހިޔާލެއްްގައި ތިބި ކަމަށްވާނަމަ އެހިޔާލު ދޫކޮށްލާ. ކުށްތައް ކުރުން ހުއްޓާލާ. އެކަހަލަ ޖިނާއީ ބޮޑެތި ކަންތައްތައް ކުރުން ހުއްޓާލާ،" ރައީސް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން މަރުގެ މައްސަލަތައް ވަރަށް އަވަހަށް ނިންމައިދޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ