ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި އެހެންވެސް ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވިފައިވާ އަޒްލީފް ރައޫފް މަރުވެއްޖެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ވީނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ހޯމް މިނިސްޓަރު ވިދާޅުވީ އެހެން ގައުމެއްގައި ހިނގާ ދާޚިލީ ހަނގުރާމައެއްގައި ބައިވެރިވުމަށް ގޮސް އަޒްލީފް މަރުވެފައިވާ ކަމުގެ އަޑުތަކެއް ފެތުރުނު ނަމަވެސް އެކަން ގަބޫލުނުކުރައްވާ ކަމަށެވެ.
އުމަރު ވިދާޅުވީ އަޒްލީފް މަރުވެއްޖެ ކަމަށް ބުނެ ވާހަކަ ފަތުރަނީ އޭނަގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތް ކުރާތީ އޮޅުވާލުމުގެ ގޮތުން ކަމަށެވެ.
"އަޒްލީފް މަރުވެއްޖެ ކަމަށް ބުނާ ވާހަކަ އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެއީ އަޅުގަނޑުމެންނަށް އޮޅުވާލުމަށް ދައްކާ ވާހަކައެއް. އަޅުގަނޑުމެން ގަބޫލުކުރަނީ އަދިވެސް އޭނަ ދުނިޔޭގައި އެބަހުރި ކަމަށް" އުމަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަޒްލީފް މަރުވެއްޖެ ކަމަށް ބުނާ ވާހަކައިގެ ހަގީގަތް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެކުވެރި ގައުމުތަކާ ގުޅިގެން އެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
"އަޒްލީފް މަރުވި ކަމަށް ބުނާ މައްސަލައިގެ ހަގީގަތް ހޯދުމަށް އެކުވެރި ގައުމުތަކުގެ އިންޓެލިޖެންސް ސޯސްތަކާ ވާހަކަ ދައްކައި ހަދާފައި ހުންނާނީ. އެއްވެސް ސޯސްއަކުން ކަށަވަރުކޮށެއް ނުދޭ އޭނަ މަރުވި ކަމަކަށް. އެހެންވީމަ ގަބޫލެއް ނުކުރަން އޭނަ މަރުވެއްޖެ ކަމަކަށް" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
ސީރިޔާގައި ހިނގާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް މިއަހަރުގެ ކުރީކޮޅު އަޒްލީފް އެގައުމަށް ގޮސްފައިވާ ކަމަށް މީޑިއާގައި ވަނީ ރިޕޯޓު ކޮށްފައެވެ. އަދި ފަހުން ބޮމުގެ ހަމަލާއެއްގައި އޭނަ އެގަމުގައި މަރުވެއްޖެ ކަމަށް އޭނަގެ އާއިލާއާ ހަވާލާދީ ވަނީ ރިޕޯޓު ކޮށްފައެވެ. އޭނަ މަރުވެފައި އޮއްވާ ނަގާފައިވާ ފޮޓޯއެއް އާއިލާއަށް ލިބިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް އެވާހަކަ ގަބޫލުނުކުރާ އެތައް ބަޔަކު އެބަތިއްބެވެ.
އުމަރު ނަސީރު ވިދާޅުވީ އަޒްލީފް ދިޔައީ ކޮން ތާކަށްކަން ވެސް ޔަގީން ނުވާ ކަމަށެވެ. ސީރިޔާއަށް ދިޔަ ކަމަށް ޚަބަރު ލިބުނު ނަމަވެސް އެކަން ކަށަވަރު ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.
އަޒްލީފް ދިޔައީ ކޮން ގައުމަކަށްތޯއާއި އޭގެ ފަހުން އޭނައަށް ވީ ކީއްތޯ ބެލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ތަކުރާރުކޮށް މިނިސްޓަރު ވިދާޅުވިއެވެ.
އަޒްލީފަކީ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހަކަށް ވާއިރު އޭނައަށް ގައުމުން ބޭރަށް ދެވުނީ ކީއްވެގެންތޯއާއި އޭނަ ފޮނުވީ ކާކުތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ މީހަކު އޭނަ ފޮނުވަން ނުޖެހޭ ކަމަށެވެ. އޭނައަކީ ބޮޑު ކުށްވެރިއަކަށް ވުމުން ގޮތްގޮތް ހޯދައިގެން ދިޔައީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޒްލީފް މީހަކު ފޮނުވާކަށް ނުޖެހޭ. އޭނައަކީ ބޮޑު ކްރިމިނަލްއެއް. އޭނަ އެކި ގޮތްގޮތް ހޯދައިގެން ތަންތަނަށް ރިޝްވަތު ދީގެންނާއި، ވައްކަން ކޮށްގެންނާއި، ފޭރިގެން ފައިސާ ހޯދައިގެންނާއި ގޮތްގޮތް ހަދައިގެން ދެވޭނެ. އެގޮތުން އޭނަ ގޮސްފައި އެހުރީ" އުމަރު ވިދާޅުވިއެވެ.
އެގޮތަށް ދާން ބޭނުންވާ ކޮންމެ މީހަކަށް ވެސް ދެވޭނެތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ އެގޮތަށް ދެވޭ ކަމަށާއި ގިނަ ބަޔަކު އެގޮތަށް ދާ ކަމަށެވެ. ފުލުހުންނަށް ވެސް ހުރިހާ ފަހަރަކު އެފަދަ މީހުން ނުހުއްޓުވޭނެ ކަަމަށާއި ނުހުއްޓުވޭ ހާލަތްތައް އަންނަ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެފަދަ މީހަކު ދާން އުޅޭކަމުގެ މައުލޫމާތެއް ލިބިއްޖެނަމަ ދިޔަނުދީ ހުއްޓުވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ އިތުރަށް ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލައާ ވެސް އަޒްލީފާ ވަރަށް ބޮޑަށް ގުޅެއެވެ. ރިލްވާން ގެއްލުނު މައްސަލައިގައި ވެސް އެންމެ ބޮޑަށް ތުހުމަތުކުރެވޭ މީހަކީ އަޒްލީފް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
އަޒްލީފް ފުރައިގެން ދިޔައީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާއި ރިލްވާން ގެއްލުނު މައްސަލައިގެ ތުހުމަތު ކުރެވުމުގެ އިތުރަށް އޭނަގެ މައްޗަށް އުފުލުނު ޓެރަރިޒަމްގެ ދައުވާ ނިމެންދެން ގޭބަންދުގައި ބަހައްޓާފައި ވަނިކޮށެވެ. ނަމަވެސް ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފައިވާ ކަމަށް އޭނަ ފުރައިގެން ދިޔަ ފަހުން އޭރުގެ ޕީޖީ މުހުތާޒު މުހުސިން ވިދާޅުވެފައި ވެއެވެ.
އަޒްލީފްގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އޭނަގެ ޕާސްޕޯޓު ހިފަހައްޓާފައެއް ނުވެއެވެ. އިމިގްރޭޝަނުން ބުނެފައިވަނީ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ކޯޓުން ނެރެފައި ނެތް ކަމަށެވެ.
ރިޔާސީ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގުގެ ތެރެއިން އަޒްލީފްގެ ދެ ކޮއްކޮއަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރެއިން އެކަކީ ވެސް ރިލްވާން ގެއްލުނު މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއް ކަމަށް ވެއެވެ.
އަޒްލީފް މަރުވެއްޖެ ކަމަށް ގަބޫލެއް ނުކުރަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ