ހަނގުރާމަތަކާ ހުރެ މަގުމަތިވެފައިވާ ރެފިއުޖީންގެ އަދަދު 38 މިލިއަނަށް އަރައިފި

އޮސްލޯ (މޭ 7) : ހަނގުރާމަ ތަކާއި ތަޅާފޮޅުންތަކުގެ ސަބަބުން ގެދޮރު ގެއްލި މަގުމަތިވެ ބިކަ ހާލުގައި ރެފިއުޖީންގެ ގޮތުގައި އުޅެންޖެހިފައިވާ 38 މިލިޔަން މީހުން ދުނިޔޭގެ އެކި ގައުމުތަކުގައި އެބަތިބި ކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފި އެވެ. ރެފިއުޖީންގެ ޙާލަތު ބަލައި ދިރާސާކުރާ ނޯވޭގެ ކައުންސިލުން ނެރުނު ރިޕޯޓެއް ބުނާ ގޮތުން ފާއިތުވި އަހަރު ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް 30 ހާސް މީހުންގެ ގެދޮރު ގެއްލި މަގުމަތިވެ ރެފިއުޖީންނަށް ބަދަލުވެފައިވެ އެވެ. އަދި މިއީ ދެ ވަނަ ބޮޑު ހަނގުރާމައަށްފަހު މިހާ ގިނަ އަދަދަށް ދުނިޔޭގައި ރެފިއުޖީން އިތުރުވި ދުވަސްވަރު ކަމަށާއި 2014 ވަނަ އަހަރު ރެފިއުޖީންގެ އަދަދު އިތުރުވެފައި ވަނީ ރެކޯޑް މިންވަރަކަށް ކަމަށްވެސް މިރިޕޯޓް ބުނެއެވެ. ދުނިޔޭގެ ގައުމުތަކަށް ބަލާއިރު މިހާރު ރެފިއުޖީންގެ ނިސްބަތް އެންމެ ބޮޑީ ސީރިޔާގަ އެވެ. ސީރިޔާގެ އެތެރޭގައިވެސް ގެދޮރުނެތި މަގުމަތީގައި އުޅެންޖެހިފައިވާ ރެފިއުޖީންގެ އަދަދު 7 މިލިޔަނަށް އަރާކަމަށްވެ އެވެ. އެއަށްފަހު ދެކުނު ސޫދާނާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ނައިޖީރިޔާއާއި އިރާގު ފަދަ ގައުމުތަކަކީވެސް ރެފިއުޖީންގެ އާބާދީ ވަރަށްބޮޑު ގައުމުތަކެވެ. ދެވަނަ ބޮޑުހަނގުރާމައާއެކު ޔޫރަޕްގެ ގިނަ ގައުމުތަކުގެ ރައްޔިތުންގެ ބޮޑުބައެއް ރެފިއުޖީންނަށް ވެގެންދިޔަނަމަވެސް މަދުއަހަރުތަކެއްގެ ތެރޭގައި އެމައްސަލަ ވަނީ ހައްލުކޮށްފައެވެ. ދެ ވަނަ ބޮޑުހަނގުރާމައަށްފަހު އެއް ގައުމަކަށް ރެފިއުޖީން އެންމެ ގިނައިން ތިބީ ފަލަސްތީނުގަ އެވެ. އެއީ ފަލަސްތީނު ބިމުގައި އިސްރާއީލު އުފެއްދުމާއެކު ހިނގި ހަނގުރާމަތަކުގެ ސަބަބުންނެވެ. ނަމަވެސް މިހާރު ސީރިޔާގެ ރެފިއުޖީންގެ އަދަދު ފަލަސްތީނުގެ މުޅި އާބާދީ އަށްވުރެވެސް ބޮޑެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ