އަހުމަދު ސައީދު
ސްޓެލްކޯ އިން މާލެ އަށް ދެމުން އަންނަ ކަރަންޓުގެ ހިދުމަތުގެ އަގު އަންނަ މަހުގެ ތެރޭގައި ހެޔޮކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށާއި އެ ކަމަށް ސްޓެލްކޯގެ ބޯޑުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ވިދާޅުވީ މާލޭގައި ބޭނުންކުރާ ދެ ޖަނަރޭޓަރު، ސާފުނުކުރާ ތެޔޮ ބޭނުންކޮށްގެން އަންނަ މަހުގެ ތެރޭގައި ހިނގަން ފެށޭނެ ކަމަށާއި، އަދި އެ ތެޔޮ ބޭނުންކުރުމުން ތެލަށް ކުރާ ހަރަދު 20 ޕަސެންޓާއި 30 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ކުޑަ ކުރެވޭނެ ކަމަށެވެ. އެހެންކަމުން އެ ތެޔޮ ބޭނުންކުރަން ފެށުމުން ކަރަންޓު ހިދުމަތުގެ އަގަށް ގެނެވެން އޮތް އެންމެ ހެޔޮ ބަދަލެއް، އަންނަ މަހުގެ ތެރޭގައި ގެއުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް ޝުކޫރު ވިދާޅުވި އެވެ.
"ކަރަންޓުގެ އަގަށް ބޮޑު ބަދަލުތަކެއް ގެންނަން އުޅެނިކޮށް ތެޔޮ އަގު ބޮޑުވީ ވެސް. އަޅުގަނޑުމެންނަށް ފެންނަ ސީރީޒަކަށް އެއްޗެހިތައް (ސްޓެލްކޯގެ) ބޯޑަށް ހުށަހަޅައިގެން މި އުޅެނީ. ކަރަންޓުގެ އަގަކީ ވަރަށް ސެންސިޓިވް މައްސަލައެއް. އަގު ކަނޑައަޅުއްވާނީ ހަމަ ސަރުކާރުން،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަށް ދެމުން އަންނަ ކަރަންޓުގެ ހިދުމަތް 50 އަހަރަށް ފަހު ފުރަތަމަ ހެޔޮކުރީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން 4 އެޕްރީލް 2002 ގަ އެވެ. އެ ފަހަރު މާލެ އާއި އަތޮޅު ތެރޭގައި ކަރަންޓް ދޫކުރާ އަގު ޔުނިޓަކުން 10 ލާރީގެ މަގުން ހެޔޮކުރި އެވެ. އެހެންކަމުން މާލޭގެ ގެއަކުން މިހާރު ކަރަންޓު ޔުނިޓަކަށް ނަގަނީ 1.90ރ. އެވެ. އެއީ 200 ޔުނިޓުން ދަށަށެވެ. އެއަށްވުރެ މަތިވެއްޖެ ނަމަ ޔުނިޓަކަށް ނަގަނީ 2.40ރ. އެވެ.
ވިޔަފާރި ތަނަކުން، 200 ޔުނިޓުން ދަށަށް ނަގަނީ ޔުނިޓަކަށް 3.40ރ. އެވެ. އެއަށްވުރެ މަތި ނަމަ ނަގަނީ 3.90ރ. އެވެ.
ޝުކޫރު ވިދާޅުވި ގޮތުގައި ރަށްރަށުގައި ދޭ ކަރަންޓުގެ ހިދުމަތުގެ އަގު ހެޔޮކުރުމަށްޓަކައި، ސާފުނުކުރާ ތެޔޮ ބޭނުންކޮށްގެން ރަށްރަށުގެ ޖަނަރޭޓަރުތައް ހިންގުމަށް ފީޒިބިލިޓީ ސްޓަޑީއެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ގެންދަނީ ކުރަމުންނެވެ.
"ރަށްރަށުގައި ބޭނުންކުރާ އިންޖީނުތައް ވަރަށް ކުދިވާނެ. އެހެންވީމާ އޭގެ އެފިޝަންސީ އަށް ބަލާފައި ކޮންމެ އެއްޗަކަށް ވަކިން (ސްޓަޑީ) ހަދަން ޖެހޭނީ،" ޝުކޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުގެ ޖަނަރޭޓަރުތައް، ސާފު ނުކުރާތެޔޮ ބޭނުންކޮށްގެން ހިންގުމަށް، ކޮންމެ ރަށެއްގައި ވެސް ތެޔޮ ސާފުކުރާ ސިސްޓަމް ގާއިމުކުރުމަށް އިންވެސްޓްކުރަން ޖެހޭނެ އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ކުރާ ހަރަދުގެ 60 ޕަސެންޓު ހޭދަވަނީ ތެލަށެވެ.
މާލޭގެ ކަރަންޓުގެ އަގު އަންނަ މަހު ހެޔޮކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ