އަޅުގަނޑަށް ރުހުން ނުދިނީ ބުނާހާ ގޮތެއް ނުހަދާނެތީ: މައުމޫން
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްޔަން ކުުރުމަށް މައުމޫން ހަމީދަށް ރުހުން ނުދޭން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން ނިންމީ އެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ބުނާހާ ގޮތެއް ނުހަދާނެތީ ކަމަށް މައުމޫން ވިދާޅުވެއްޖެ އެވެ. ޕީޖީގެ މަގާމަށް އައްޔަން ކުރުމަށް މައުމޫންގެ އިތުރުުން ގާޒީ މުހްތާޒް މުހުސިންގެ ނަން ވެސް ރައީސް އަބްދުﷲ ޔާމީން ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ. ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ނިންމާފައި ވަނީ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މުހްތާޒަށް ވޯޓު ދިނުމަށެވެ.މައުމޫން އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައި ވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕުން އޭނާ އަށް ރުހުން ނުދިނީ "އޭނާ (މައުމޫން) އަހަރެމެން ބުނާހާ ގޮތެއް ނުހަދާނެ" ކަމަށް ބުނެފައި ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ އެއްވެސް ބިރުވެރިކަމެއް ނެތި ތައައްސުބުން އެއްކިބާވެ ހުރެ ގާނޫނު ނަގަހައްޓާ މީހެއްގެ ބަދަލުގައި ޕަޕެޓެއް އައްޔަން ކުރަން ބޭނުން ވެގެން އޭނާ ނޫން މީހަކު އެ މަގާމަށް ހަމަޖެއްސީތީ މަރުހަބާ ކިޔާކަމަށެވެ. "އެގޮތަށް ލިޔަން ޖެހުނީ، އަޅުގަނޑަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު ޕީޖީ ގްރޫޕުން އެގޮތަށް ނިންމީ ގިނަ ބޭފުޅުން އަޅުގަނޑަކީ ބުނާހާ ގޮތެއް ނުހަދާނެ ބޭފުޅެއް ކަމަށް ގަބޫލު ކުރައްވާފައި ކަމަށް ވާތީ. ދެން އެހެން ވީމާ އަޅުގަނޑު ދެކެނީ އެއީ އަޅުގަނޑުގެ ޕްރޮފެޝަނަލިޒަމަށް އެބޭފުޅުން ކުރެއްވި ތައުރީފެއް ކަމަށް،" މައުމޫން ހަމީދު މިރޭ "ހަވީރަ"ށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އޭނާގެ ނަން ފާސްނުކުރެއްވުމުން އެކަމަށް އިހުތިރާމްކޮށް އެ މަގާމަށް ދެން ކުރިމަތި ނުލާން ނިންމަވައިިގެން ހުންނެވި ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވެސް މަންދޫބުން ފޮނުއްވައި އެ މަގާމަށް ކުރިމަތިލައްވަން އެދިވަޑައިގަތުމުން ހިޔާލު ބަދަލު ކުރައްވައި އަލުން ޕީޖީ ކަމަށް ކުރިމަތިލައްވަން ނިންމެވީ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. "އެހެން ވެސް ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން އަޅުގަނޑު ކައިރީގައި އެގޮތަށް އެދިވަޑައިގަތުމުން ކުރިމަތިލެއްވީ. ދެން އަޅުގަނޑު ކުރިމަތިލެއްވީމާ އެބޭފުޅުން، ޕީޖީ ގުރޫޕުން އެކަން އެ ނިންމެވީ އެންމެ ރަނގަޅަށް ކަމަށް އަޅުގަނޑު ދެކިގެން މި ހުރީ،" މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދަށް ރުހުން ދިނުމަށް ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ކިބައިން ރައީސް މައުމޫން އެދިވަޑައިގެންފައި ވަނިކޮށް، ޕާލިމަންޓްރީ ގްރޫޕުން ހާޒިރުވެ ވަޑައިގެން 38 މެމްބަރުންގެ ތެރެއިން 33 މެންބަރުން ވޯޓު ދެއްވީ މުހުތާޒަށް ރުހުން ދޭން ފެންނަ ކަމަށެވެ. ޕީޖީގެ މަގާމަށް އައްޔަން ކުރުމަށް ރުހުން ދިނުމަށް ނުފެންނަ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ނިންމިއިރު، އޭނާއަށް މަޖިލީހުގެ ކޮމިޓީން ރުހުން ނުލިބުނު މައްސަލަ ބެލުމަށް ރައީސް މައުމޫން ވަނީ ޕީޖީގެ ގްރޫޕްގެ ލީޑަރުގެ ކިބައިން އެދިވަޑައިގެންފަ އެވެ. ސަރުކާރުގެ ކޯލިޝަންގެ އަޣުލަބިއްޔަތު އޮންނަ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މައުމޫނަށް ހަމީދަށް 33 ޕޮއިންޓް ލބިވަޑައިގެންނެވިއިރު، މުހްތާޒަށް ލިބިވަޑައިގަތީ 67 ޕޮއިންޓެވެ. ކޮމިޓީން ރުހުން ދިނުމަށް ނިންމާނީ 75 އަށް ވުރެ މަތިން މާކްސް ލިބިމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ