ޣައްޒާގެ އެހީ ބަހާ ސަރަހައްދެއް ކައިރިން 30އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

އެމެރިކާގެ ކުންފުންޏަކުން ޣައްޒާގައި ހިންގާ އިންސާނީ އެހީ ބެހުމުގެ ސައިޓެއް ކައިރިއަށް ބަޑިޖަހައި 30އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްޙީ އިދާރާތަކުން ހާމަކޮށްފިއެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ބަޑިޖަހާފައި ވަނީ ފަލަސްތީނުގެ ރައްޔިތުން ކާބޯތަކެތި ހޯދުމަށް އެއްވެފައި ވަނިކޮށެވެ. ނަމަވެސް އާންމުންނަށް އަމާޒުކޮށް ބަޑިޖަހާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދޮގުކޮށްފައިވާއިރު، ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)އިން ބުނީ އެހީ ބެހުމުގެ ކަންކަން ދިޔައީ ރަގަޅަށް ކަމަށާއި މިފަދަ އެއްވެސް ހާދިސާއެއް ނުހިނގާ ކަމަށެވެ. ބަޑިޖެހުމުގެ ސަބަބުން ބަނޑުހައިހޫނުކަންމަތީގައި ތިބި އާންމުންގެ އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްޚީ އިދާރާތަކާ ހަވާލާދީ ފަލަސްތީނުގެ ރެފިއުޖީ އެޖެންސީ (ޔޫއެންއާރުޑަބްލިޔުއޭ)ގެ ވެރިޔާ ފިލިޕް ލަޒާރީނީ ވެސް ވަނީ އެކްސްގައި ލިޔުއްވާފައެވެ. "ޝަހީދުންނާއި އަނިޔާތައް ލިބިފައި މީހުން އެބަތިބި. މިއީ ހިތާމަވެރި ހާލަތެއް. އަޅުގަނޑު ނަސޭހަތްތެރިވަނީ ޑެލިވަރީ ޕޮއިންޓްތަކަށް އެހީތެރިވުމަށް އެއްވެސް މީހަކު ނުދާން. މިހާރު ފުދޭވަރުވެއްޖެ." ޣައްޒާގެ ޚާން ޔޫނިސް ސިޓީގެ އަލް ނާސިރު ހޮސްޕިޓަލުގައި ޕެރަމެޑިކް އަބޫ ތާރިގު ވިދާޅުވިއެވެ. ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނީ ޕެރެމެޑިކްސް އިން ފަލަސްތީނުގެ 23 މީހެއްގެ ހަށިގަނޑު ހޯދައިފައި ވާއިރު، ރަފަހްގެ އެހީ ބަހާ ސަރަހައްދުން އިތުރު 23 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ޣައްޒާގެ ސިއްޚީ އިދާރާތަކުން ހާމަކުރާ ގޮތުގައި އަލްނަސީރު ހޮސްޕިޓަލަށް މިހާތަނަށް މަދުވެގެން 31 މީހެއްގެ ހަށިގަނޑު ގެނެސްފައިވެއެވެ. ޖީއެޗްއެފުން މިދިޔަ ހަފުތާގައި ޚިދުމަތް ދޭން ފެށި ފަހުން ގިނަ ބަޔަކަށް ކާބޯތަކެތި ފޯރުކޮށްދީފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. ނަމަވެސް އެހީ ބަހާ ސަރަހައްދުތަކުގައި ހަލަބޮލިކަން އުފެދި އިސްރާއީލުން ބަޑި ޖެހުމުން އެތައް ބަޔަކު މަރުވެފައިވާ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ