ވަޒީފާގެ ބިރު މޮޓާ އަށް އެބައޮތް ވަޒީފާގެ ބިރު މޮޓާ އަށް އެބައޮތް

ޓިއުރިން (މާޗް 11) - ޔުވެންޓަސްގެ މެނޭޖްމަންޓުން ކަނޑައެޅި ބައެއް ޓާގެޓްތައް ހާސިލްނުވެ، އެ ޓީމުގެ ކޯޗަކަށް ހުރި ތިއާގޯ މޮޓާ އަށް ވަޒީފާގެ ބިރު އޮތްކަން އޭނާ އަށް ވެސް އެނގޭ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ތިން އަހަރުގެ ކޮންޓްރެކްޓެއްގައި މި ސީޒަނުގައި ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވި މޮޓާ އަށް މި ސީޒަނުގައި ދިން ބައެއް ޓާގެޓްތަކަށް ވާސިލްނުވެވިދާއިރު، އެންމެ ފަހުން ޔުވެންޓަސް ކުޅުނު މެޗުތަކުގައި ވެސް އެ ޓީމުގެ ނަތީޖާތައް ދަށެވެ.
އެ ގޮތުން، އިޓާލިއަން ލީގުގައި އެންމެ ފަހުން ޔުވެންޓަސް އިން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 4-0 އިން ވާދަވެރި އެޓަލަންޓާ އަތުން ބަލިވިއިރު، މިއީ، 1967 ވަނަ އަހަރަށް ފަހު ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި ހަަތަރު ގޯލުގެ ފަރަގަކުން ބަލިވި ފުރަތަމަ ފަހަރެވެ.
ޗެމްޕިއަންސް ލީގުން ޔުވެންޓަސް ކެޓީ އިތުރު ވަގުތު ކުޅެގެން ނެދަލެންޑްސްގެ ޕީއެސްވީ އައިންދޯވަން އަތުން ބަލިވެގެންނެވެ. އެ މެޗަށް ފަހު، ޔުވެންޓަސްގެ ބޯޑު ބައްދަލުވުމެއްގައި މޮޓާގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދެކެވުނުއިރު، އެކަމާ ގުޅުވައިގެން ތަކުރާރުކޮށް ނޫސްވެރިން އަންނަނީ އެކި ކުޅިވަރު ޝޯތަކުގައި ވާހަކަ ދައްކަމުންނެވެ. ޔުވެންޓަސްގެ ބޯޑު މެމްބަރުންގެ ޖަވާބެއް ހޯދަން މީޑިއާ އިން ކުރަމުން އަންނަ މަސައްކަތުގައި ވެސް އަލިމަގެއް އަދި ނުލިބެ އެެވެ.
ރިޕޯޓްތައް ބުނާގޮތުން، ޔުވެންޓަސް އިން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި، މޮޓާއާ އެކު ބައްދަލުވުންތަކެއް ކުރިއަށްގެންދަން ވަނީ ހަމަޖެހިފަ އެވެ.
މޮޓާ، 2018 ވަނަ އަހަރު ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކުރީ ޕީއެސްޖީގައި ހުރެފަ އެވެ. އެ އަހަރު އޭނާ ވަނީ ޕީއެސްޖީ 19 އަހަރުން ދަށުގެ ޓީމާ އެކު ކޯޗިން ކެރިއަރު ފަށައިފަ އެެވެ. ކޯޗެއްގެ ގޮތުގައި ސީނިއާ ޓީމަކާ ހަވާލުވެ މޮޓާ ފުރަތަމަ ފަހަރަށް ޕްރޮޖެކްޓެއް ފެށީ 2019 ވަނަ އަހަރު ޖެނޯއާގަ އެވެ. އެކަމަކު، އެ ޓީމުގައި އެކަށީގެންވާ ވަގުތު ނުލިބުމުން މަގާމުން ދުރުވެ، 2021/2022 ވަަނަ ސީޒަނުގައި ހުރީ ސްޕެޒިއާ ގަ އެވެ.
ޖެހިޖެހިގެން ދެ ސީޒަނުގައި، ސްޕެޒިއާ، އިޓާލިއަން ލީގުގެ ރެލިގޭޝަނުން ސަލާމަތްކޮށްދިނުމަށް ފަހު، އެ ކްލަބްގެ މެނޭޖްމަންޓާ މަޝްވަރާކޮށް އެ ކްލަބް ދޫކޮށްލަން ނިންމި އެވެ. އޭގެ ފަހުން، 2022 ވަނަ އަހަރު ސީޒަން ފެށި ފަހުން، ބޮލޯނިއާއާ ހަވާލުވެ، އެ ޓީމަށް ލީގުގެ ނުވަ ވަނަ ހޯދައިިދިނެވެ. އަދި ބޮލޯނިއާއާ އެކު ހޭދަކުރި ފުރަތަމަ ފުލް ސީޒަނުގައި މޮޓާ ވަނީ އެ ޓީމަށް ގަދަ ފަހެއްގެ ޖާގަ ހޯދައިދީ، ކްލަބް ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގަށް ގެންގޮސްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ