”އެންމެ މުހިންމީ، ރައްޔިތުން ކުރި އިތުބާރާއި، އަޅުގަނޑު ކުރި ހުވާގެ މަތީގައި ދެމިހުރުން“

އެންމެ މުހިންމީ، ރައްޔިތުން އެމަނިކުފާނަށް ކުރެއްވި އިތުބާރާއި، އެމަނިކުފާނު ކުރެއްވެވި ހުވައިގެ މަތީގައި ދެމި ހުންނެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މެލޭޝިއާއަށް ފުރާވަޑައިގެންނެވުމުގެ ކުރީން، ދައުލަތުގެ މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ.
”ގައުމުގެ ހައްގުގައި، ގައުމުގެ ކުރިމަގަށް ޓަކައި، ހަމަޖެހުމާއި އަމާންކަމާއި މުސްތަޤްބަލްގެ ކުރިއެރުމަށް ޓަކައި ނަގަންޖެހޭ ކޮންމެ ޑިޒިޝަނެއް ނަގާނަން. އަޅުގަނޑަށް މުހިންމީ ރައްޔިތުން އަޅުގަނޑަށް ކުރި އިތުބާރާއި، އަޅުގަނޑު ކޮށްފައި މިހިރަ ހުވާ މަތީ ކުރިއަށް ދިއުން. ޒުވާން ކުދިންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުގެ ވިސްނުމަކީ އަދި އަޅުގަނޑުގެ ފިލޯސަފީއަކީ މިއީ އޭ.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް މިމޭރުމުން ވިދާޅުވީ، ފުރާޅެއް މައްޗަށް ވެއްޓުނު ޒުވާނާއަށް އިންސާފު ހޯދައިދޭން ނިކުމެ އުޅޭ ޒުވާނުންނަށް ދެއްވި މެސެޖެއްގެ ގޮތުގައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޒުވާނުންގެ ކަންބޮޑުވުމާ، ޖަޒުބާތާ، ކޮންސާން ”މިސްޔޫސް“ ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މުޒާހަރާ ކުރާ ޒުވާނުން ވަނީ، ރައީސް މުއިއްޒު އެމީހުންގެ އަޑު އައްސަވާކަން ފާހަގަކޮށް، އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވައިފައެވެ.
އިންސާފު ގާއިމު ކުރަން ކުރާ މަސައްކަތުގައި އެއްވެސް މީހަކު ފޮރުވަން ސަރުކާރުން މަސައްކަތް ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.
މި މަހުގެ 18 ވަނަ ދުވަހު، ހައްވާ ޔުމްނު ރަޝީދު (21 އ) ފުރާޅަށް ވެއްޓުނު މައްސަލައިގައި، ސަރުކާރުގެ އިސް ފަރާތްތަކެއްގެ ބައިވެރިވުން އޮތް ކަމަށް މީސްމީޑިއާގައި ބައެއް މީހުން ތުހުމަތު ކުރެއެވެ. އެކަމަށް އިޝާރާތް ކުރައްވައި ރައީސް މިއަދު ވިދާޅުވީ، މިއީ ޒުވާނުންގެ ”ޖެނުއިން ކަންސާން“ ކަމަށާއި، އެ ކަންބޮޑުވުންތައް އަޑުއެހުން އެމަނިކުފާނަށް ވަރަށް މުހިންމު ކަމަށެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ މުޒާހަރާތައް ފެށިގެން އައީ، ހަގީގަތުގައި ވެސް ކަންބޮޑުވުންތަކެއް ހުރެގެންކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި، އެމަނިކުފާނަށް މުހިންމީ ކުށް ކުރި ފަރާތް ހޯދައި، އިންސާފު ގާއިމު ކުރުން ކަމަށެވެ.
”އެއީ ކޮންމެ ފަރާތަކަށް ވިޔަސް، އެ ފަރާތަކަށް، ގާނޫނު އަސާސީ، ގާނޫނުގަ އޮންނަ އަދަބެއް ދިނުން. އެ އިންސާފު ގާއިމު ކުރުމުގައި.“ ރައީީސް ވިދާޅުވިއެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި އުމުރުން 21 ‏އަހަރުގެ ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށްފައިވާއިރު، މި މައްސަލަ ބެލުމަށް ހާއްސަ ކޮމިޝަނެއް ރައީީސް ރޭ ވަނީ އުފައްދަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ