މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި 3 ގަޑިއިރުގެ ތެރޭގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްގު ލިބޭ މީހުންގެ %15 ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދުގެ 11:00 އާ ހަމައަށް ވޯޓުލާފައިވަނީ 1725 މީހުންނެވެ. އެއީ 798 އަންހެނުންނާއި 927 ފިރިހެނުންނެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 11،325 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.
ދެ ރަށެއްގެ ކައުންސިލް އަދި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00އާ ހަމައަށެވެ. ހުރިހާ މަރުކަޒެއްގައިވެސް ހެނދުނު 8:00 ގައި ވަނީ ވޯޓުލުން ފަށާފައެވެ.
މި ބައި-އިލެކްޝަންގައި މާލޭގައި ދިރިއުޅޭ ރަށްތަކުގެ ރައްޔިތުން ވޯޓުލުމަށް ވޯޓު ފޮށިތައް ބަހައްޓާފައިވަނީ މާފަންނު މަދުރަސާގައެވެ.
މިއީ ބައި-އިލެކްޝަނެއް ނަމަވެސް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަކީ ރައްޔިތުންގެ ކަންކަމުގައި ގޮތް ނިންމަންތިބޭ މަންދޫބުންނަށްވާތީ ވީހާވެސް ގިނަ މީހުން ވޯޓުލާން ދިއުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައެވެ.
ބައި-އިލެކްޝަން: 3 ގަޑިއިރު ތެރޭގައި ވޯޓުލީ %15 މީހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ