އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓާއި ހައި ކޯޓުން ނިންމި ނިންމުން ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ވެސް އެ މަނިކުފާނާ ދެކޮޅަށް މިރޭ ނިމިއްޖެ އެވެ.
ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ފުއްގިރި މައްސަލާގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ޔާމީންގެ ފަރާތްޕުޅުން ހުށަހެޅީ ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށާއި ދައުލަތުގެ ސިއްރު ހެކިތަކެއް ހާމަކޮށްދިނުމަށެވެ.
ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އަލީ ނަދީމް މިދިޔަ ފެބްރުއަރީ މަހު ނިންމެވީ އެ ހުށަހެޅުންތައް ބަލައިނުގަތުމަށެވެ. އެކަމާ ހިތްހަމަނުޖެހިގެން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވެސް ދަށު ކޯޓުގެ ނިންމުން ދެމެހެއްޓި އެވެ.
ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަމުން ޔާމީންގެ ފަރާތްޕުޅުން އެދިފައި އޮތީ:
ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަކީ ޔާމީންގެ އަދާވާތްތެރިން ކަމަށް ވުމުން، އެ މީހުންގެ ހެކިބަސް ބަލައިނުގަތުމަށް ކަނޑައަޅައިދިނުމަށް
ވަކިވަކި ހެކިތަކާ މެދު އަލުން ގޮތް ނިންމުމަށް ކްރިމިނަލް ކޯޓަށް އެންގުމަށް
މައްސަލައާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކުގައި ހުރި ލިޔުންތައް ދީ، ތަހުގީގުގެ ލޮގް ހިއްސާކުރުމަށް
ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހަޅުންތައް އަލުން ހުށަހަޅަން ފުރަސަތު ދިނުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްދޭން
ހައި ކޯޓުން މި މައްސަލާގައި ނިންމާފައިވާ ނިންމުން ބާތިލުކުރުމަށް
ތަފްސީލް - މި މައްސަލާގައި ހުކުމް ކުރުމަށް މިރޭ ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި އައިޝާ ޝުޖޫން އަދި ޑރ. މުހައްމަދު އިބްރާހިމްގެ އިއްތިފާގުން ނިންމެވީ، ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ނިންމުން ބަދަލުކުރާނެ ތަނެއް ނެތް ކަމަށެވެ.
މައްސަލައާ ނުގުޅޭ ނުވަތަ ވާގިޔާއާ ގުޅުމެއް ނެތް ހެއްކެއް ހުށަހަޅާފައެއް ނުވޭ
އެ ހެކިތައް ބަލައިނުގަންނަން ޖެހޭ ސަބަބެއް ނެތް
ހެކިތައް ބަލައިނުގަތުމަށް ފަނޑިޔާރަކު ނިންމާ ސަބަބު ސާފުކޮށް ވަކިވަކިން ބަޔާންކޮށްފައި އޮންނަން ޖެހޭ
ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އެކަން ބަޔާންކުރައްވާފައި ނެތުމަކީ ގޯހެއް؛ އެކަމަކު އެއީ އަދުލު އިންސާފު އެއްކޮށް ގެއްލޭނެ ކަމެއްކަން ދިފާއުގެ ބަހުން އެނގޭކަށް ނެތް
މިއީ ޝަރީއަތުގެ މަރުހަލާގައި އޮތް މައްސަލައެއް ކަމަށް ވާތީ، އަލުން ޝަރީއަތުގެ ކުރީގެ މަރުހަލާއަށް ދާން ކްރިމިނަލް ކޯޓަށް އެންގުމަށް ނުފެނޭ
އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ޔާމީންގެ ފަރާތްޕުޅުން އެދިފައިވަނީ، ހެކިބަސް ނެގުމުގެ ހާލަތްތަކުގެ ތެރޭގައި އަދާވާތްތެރިކަމާއި އަދުލުވެރިކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންތައްތަކުގެ ތެރޭގައި އެ މީހާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާއި އަދަބު ތަންފީޒުކުރެވުމުންދާ ހާލަތުގައި އެ ފަރާތްތަކުގެ ހެކިބަހާ ގުޅޭ ގޮތުން އަމަލުކުރަންވާނެ ގޮތް، އަލަށް ތަންފީޒުކުރި ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ބުނެ އެވެ.
އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓަށް އަންގާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، ފަނޑިޔާރު ހުސްނުއްސުއޫދު ރިޔާސަތު ބެލެހެއްޓެވި ތިން ފަނޑިޔާރުންގެ ބެންޗުން އިއްވި ހުކުމްގައި ވަނީ:
ގާނޫނުތައް ހިންގަން ފަށަންވާނީ ގާނޫނުތަކަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން
މި މައްސަލާގައި އެ ގާނޫނާ ތަތުބީގުކުރެވިދާނެ ކަމަކަށް ނުފެނޭ؛ ސަބަބަކީ މައްސަލާގައި ތުހުމަތުކުރާ އަަމަލުތައް ހިނގާފައިވަނީ ހެއްކާ ބެހޭ ގާނޫނު ވުޖޫދުވުމުގެ ކުރިން ކަމަށް ވުމުން
މި މައްސަލަ ކްރިމިނަލް ކޯޓުގައި އޮތީ ޝަރީއަތުގެ މަރުހަލާގައި ކަމަށް ވާއިރު، އެއްވެސް ހެކިބަހެއް އަދި ނަގާފައި ނުވާތީ އަދާވާތްތެރިކަމާއި އިތުބާރާއި މަސްލަހަތު ފުށުއަރާ ހެކިިތަކެއް ހުރި ނަމަވެސް އެ ހެކިންގެ ހެކިބަސް ވަޒަންކުރުމުގެ ފުރުސަތު ޔާމީނަކަށް އަދި ނުގެއްލޭ
މީގެ ފަހުން ދެން ކުރިއަށް ގެންދާ ޝަރީއަތްތަކުގައި ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރުން ލާޒިމުވާނެ
ފުއްގިރި މައްސަލާގައި ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެމުގައި ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގައި އެދިފައިވާ އަނެއް ކަމަކީ ދައުލަތުން ހުށަހަޅާފައިވާ ސިއްރު ފަސް ހެއްކެއް ހާމަކޮށްދިނުމަށެވެ. އެކަމަކު، ކްރިމިނަލް ކޯޓުގެ ގާޒީ ނަދީމް ނިންމެވީ އެ ހެކިތައް ހާމަކުރެވެން ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ އެކަމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި ވަނީ ރަނގަޅަށް ކަމަށެވެ.
ގުޅުން ހުރި ކަމެއް - މިރޭ 8:30 އިން ގާތްގަނޑަކަށް 10 ޖެހުމާ ހަމައަށް ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި، ފުއްގިރި މައްސަލާގައި ދައުވާ އުފުލާފައިވާ އަހްމަދު ކުރިކް ރިޒާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލާގައި ވެސް ހުކުމް އިއްވާފައިވެ އެވެ.
ރިޒާގެ މައްސަލާގައި ވެސް ސުޕްރީމް ކޯޓުން ވަނީ ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.
ފުއްގިރި މައްސަލައިގެ ހެއްކާ ގުޅޭ އިސްތިއުނާފު ސުޕްރީމް ކޯޓުން ވެސް ޔާމީނަށް ކާމިޔާބެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ