އެހެން މީހަކު ތިމާއަށް އަނިޔާކުރީމާ ތިމާއަށް ތަދުވެ އެކަމުގެ ވޭނުގަ އުޅެންޖެހޭކަން އެނގޭއިރު ތިމާގެ އަނބިދަރިންނާ ޢާއިލާއަށް އަނިޔާކުރަން ހެޔޮވާނީ ކިހިނަކުންތަ؟: މުފްތީ މެންކް

ތިމާއަށް ކުރިއެރުމާ އުފާވެރިކަން އެދޭނަމަ ފުރަތަމަ ކަމަކަށް ތިމާއަކީ އެހެން މީހުންނަށް އެކަންކަން ހޯދައިދިނުމަށް މަސައްކަތްކުރާ މީހަކަށްވާށެވެ! އެކަމަށް މަސައްކަތް ކުރަން ފަށަންވާނީ އެމީހެއްގެ އަމިއްލަ ޢާއިލާ އާއި ހަމައިންނެވެ. އަނބިދަރިންނާއި ހަމައިންނެވެ.  
އެހެން މީހުން ތިމާއަށް ގެއްލުން ދޭތީ ގިނަ ބައަކު ކަންބޮޑުވެއެވެ. ސުވާލަކީ ތިމާ ކުރާ ކަންކަމުން އެހެން މީހަކަށް ގެއްލުން ދެވޭ ހެއްޔެވެ؟ ތިމާ ކުރާ ކަންކަން ކުރަނީ އެހެން މީހުންނަށް ގެއްލުން ނުލިބޭނެ ގޮތަށް ހެއްޔެވެ؟  
ކޮންމެ މީހަކަށްވެސް އެމީހަކަށް ކިތަންމެ ކުޑަކުޑަ ގެއްލުމެއް ލިބުނު ނަމަވެސް ނުވަތަ ކިތަންމެ ކުޑަކުޑަ އަނިޔާއެއް ލިބުނު ނަމަވެސް އިންތިހާއަށް ކަންބޮޑުވެއެވެ. ނަމަވެސް ތިމާގެ އަނބިދަރިންނާއި ޢާއިލާގެ މީހުންނަށްވިއަސް ތިމާގެ އަތާއި ދުލުން ގެއްލުންދީ އަނިޔާކުރަން ކަންބޮޑެއް ނުވެއެވެ. މިކަން ދެކޮޅު ޖައްސާނީ ކިހިނަކުން ހެއްޔެވެ؟  
ދީނީ ޢިލްމުވެރިންގެ ދަރުސްތަކުގަ އާއި ޚުޠުބާތަކުގައި އެންމެ ގިނައިން ހަނދާންކޮށްދެވޭ އެއްކަމަކީ މުސްލިމްކަން ފުރިހަމަވާނީ އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެން ކަމެވެ. ހަނދާންކޮށްދިނުމުގެ ގޮތުން އެންމެ ގިނައިން ކިޔޭ އެއް ޙަދީޘްފުޅަކަށްވާނީ މިކަން ޙާމަކުރައްވަވައި ރަސޫލް (ޞޢވ) ކުރެއްވެވި ޙަދީޘްފުޅެވެ.  
ހަމައެކަނި މިވަރަކުން ވެސް ނުފުދެއެވެ. ދުނިޔޭގެ އެންމެން ހިމެނޭ ގޮތުން މީސްތަކުން ހިމެނޭ ގޮތަށް މީސްތަކުންނަށް ރަޙްމް ނުކުރާ މީހަކަށް ﷲ ތަޢާލާ ގެ ހެޔޮރަޙްމަތްފުޅު މިންވަރު ނުކުރައްވަވާނެ ކަމަށް ވަޙީކުރައްވަވާފައި އޮތް އޮތުންވެސް ގެންދެވެނީ ހަމަ ތަކުރާރުކޮށް  ހަނދާންކޮށްދެވެމުންނެވެ. މިދައްކަނީ ހަމައެކަނި މުސްލިމުންނަށް ރަޙްމް ނުކުރުމުގެ ވާހަކައެއް ނޫނެވެ. ދުނިޔޭގައި ދިރިއުޅޭ އެންމެން ހިމެނޭ ގޮތަށް މުޅި އިންސާނިއްޔަތަށް ރަޙްމް ނުކުރުމުގެ ވާހަކައެވެ. ވީއިރު މިކަންކަމުގައި ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟  
"ތިބާއަކީ މީސްތަކުންނަށް ރަޙްމްކުރާ މީހަކީމު ހެއްޔެވެ؟ މައިންބަފައިންނަށާއި އަބިދަރިންނަށް ރަޙްމްކުރަން ހެއްޔެވެ؟ އަޚުންނާއި އުޚުތުންނަށް ރަހްމް ކުރަން ހެއްޔެވެ؟"  
ދީނީ ޢިލްމުވެރިންނަށް އެންމެ ގިނަ ބައަކު ކުރާ ޝަކުވާތަކުގެ ތެރޭގައި ދަރިންގެ ދިރިއުޅުމަށް މައިން ބަފައިން ހުރަސް އެޅުމުގެ މައްސަލަ ފާހަގަކުރެވެއެވެ. ކުދިން (ޅަ ޒުވާނުން) ކުރާ ޝަކުވާގެ ތެރޭގައި ތައުލީމީ ގޮތުން އެކުއްޖާ ކުރިއަށް ދާން ބޭނުން ނުވާ ދާއިރާއަކުން ކުރިއަށް ދާން މައިން ބަފައިން މަޖުބޫރު ކުރުވުން ހިމެނެއެވެ. އަންހެން ކުދިން އެންމެ ގިނައިން ކުރާ ޝަކުވާގެ ތެރޭގައި ބައްޕަ ނުވަތަ މަންމަގެ ޢާއިލާގެ މިވެނި މީހަކާއި ކައިވެނިކުރަން މަޖުބޫރު ކުރުވުން ހިމެނެއެވެ؟  
ނިކަން ބުނެބަލާށެވެ. މިފަދަ މަޖުބޫރުތައް ކުރުމުން އެކުރެވެނީ އަނިޔާ ނޫން ހެއްޔެވެ؟ ދަރިންގެ ގައިގައި ޖެހުމަކީ އިސްލާމް ދީން ހުއްދަކުރާ އިމުގެ ތެރެއިން ނޫނީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ނަމަވެސް ޖެހީއެވެ. އެ ތަދު ފިލައި އަދި ގިނަ ދުވަސްވުމުން އެ ހަނދާންވެސް ނެތިގެން ހިނގައިދާނެއެވެ. ނަމަވެސް ދަރިއެއްގެ މުޅި ހަޔާތަށް އަސަރުކުރާނެ ކަންކަމަށް މަޖުބޫރު ކުރުވައިގެން ކުރުވުމުން އެއީ ދަރިފުޅުގެ މުޅި އުމުރަށް ދެވޭ އަނިޔާއަކަށް ނުވާނެ ހެއްޔެވެ؟  
އަބަދުވެސް ބުނާ ބަހެއް މިއަދުވެސް ހަނދާންކޮށްލައިދޭނަމެވެ. ދަރިން ބޮޑެތި ވުމުން ކުރަން އުޅޭ ކަންކަމުގައި މައިން ބަފައިންނަށް ވިސްނޭ ގޮތް ބުނާށެވެ. ދަރިންނަށް ވިސްނައިދޭށެވެ! ދަރިން އެ ގޮތް ޤަބޫލު ނުކޮށްފިނަމަ ﷲ ތަޢާލާ އަށް ވަކީލުކުރުމާއިއެކު ދަރިން އެދޭ ގޮތަށް ކަންކަން ނިންމުމުގެ ފުރުޞަތުދޭށެވެ. އަދި ދަރިންނަށްޓަކައި ހެޔޮ ދުޢާކުރާށެވެ! 
ތިމާއަށް ލިބޭ އަނިޔާ ނުވަތަ ތިމާއަށް މީހުން ކުރާ އަނިޔާ އާއިމެދު ކަންބޮޑުވާ މީހާ ފުރަތަމަ ކަމެއްގެ ގޮތުން ތިމާގެ އަނިޔާއިން ތިމާގެ އަނބިދަރިންނާއި ޢާއިލާ ސަލާމަތްކުރާށެވެ! ތިމާގެ ގަދަބާރު ދައްކައިގެން ދަރިންލައްވައި ކުރުވާ ކަމެއްގައި ދަރިންގެ ހަޔާތް ވޭތިކުރާ ކޮންމެ ދުވަހަކީ ތިބާގެ އަނިޔާ ދަރިންނަށް ލިބެމުންދާ ދުވަހެކެވެ. އެކަމަށް ވިސްނާށެވެ.
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ