ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ޗައިނާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ ވަންގް ޔީ، ރާއްޖެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާއަށް ޑރ. މުޢިއްޒުއަށް ދެއްވައިފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރައީސް މުއިއްޒުއާ ބައްދަލުކުރެއްވީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިން ރައީސް އޮފީހުގައެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުން އެއްބަސްވި ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުވި ކުރުން މުހިންމުކަމުގެ މައްޗަށް ރައީސް ވާހަކަ ދެއްކެވި ކަމަށާއި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ހަލުވިކުރުމަށް މަގުފަހިކޮށްދިނުމަށް ޗައިނާ ސަރުކާރުގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
ރައީސް އޮފީހުން ބުނީ "ވަން ޗައިނާ" ޕޮލިސީއަށް ރާއްޖޭން ދެމުންދާ އިސްކަން ފާހަގަކުރައްވާ ރާއްޖެ ޗައިނާ ގުޅުމަކީ ޤައުމުތަކުގެ ކުޑަ ބޮޑު މިނަށް ބެލުމެއްނެތި ގުޅިގެން ތަރައްޤީ އާއި ފުދުންތެރިކަން ހޯދޭނެކަމުގެ އަލިގަދަ ހެއްކެއްކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރައީސް ޑރ.މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ވަންގް ޔީ ޝުކުރު އަދާކުރެއްވި ކަމަށެވެ.
މީގެ އިތުރުން މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުން ސޮއިކުރި 'ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް' އެއްބަސްވުން ތަންފީޒުކުރުމަށާއި މަލްޓިލެޓަރަލް ޕްލެޓްފޯމްތަކުގައި އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ވާހަކަ ދެއްކެވި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
'ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް' ގައި ދެ ގައުމުން ސޮއިކޮށްފައިވަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ