ނޮވެމްބަރު 3ގައި ދުޝްމަނުން ރަހީނުކުރި އިސްމައީލް ރަޝީދު ނިޔާވެއްޖެ

ނޮވެންބަރު ތިނެއް، 1988ގެ އުދުވާނީ ހަމަލާގައި ދުޝްމަނުން ރަހީނުކޮށް ޒަޚަމުކޮށްލި އިސްމާއިލް ރަޝީދު އިއްޔެ ނިޔާވެއްޖެއެވެ.
އުމުރުން 55 އަހަރުގެ އިސްމާއީލްގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށް ފަހު ބެންގަލޫރުގެ ކުއްދޫސް ސަބް ގަބުރުސްތާނުގައެވެ.
ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާ ދިނީ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ، ޕެރިސްހޮލިޑޭ، އަހްމަދު ނާސިރު (ސަގަރު ނާސިރު) ގެނައި ސްރީ ލަންކާގެ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ޖަމާއަތުގެ ކުލީ ސިފައިންނެވެ. އެ ހަމަލާ ނާކާމިޔާބުވުމުން، ޓެރަރިސްޓުން މަސައްކަތް ކުރީ ދިވެހީންތަކެއް ރަހީނުކޮށްގެން، ޕްރޮގްރެސް ލައިޓްގެ ނަން ދީފައިވާ ބޯޓެއްގައި ފިލައިގެން ދިޔުމަށެވެ.
ތާރީޚު ދިރާސާކުރައްވާ އަބްދުﷲ ސައީދު ވިދާޅުވި ގޮތުގައި، އޭރު އުމުރުން 17 އަހަރުގެ އިސްމާއީލް މަސައްކަތްކުރަމުން ދިޔައީ ފިހާޅޮހި ރިސޯޓުގައެވެ. އެ ދުވަހު އިސްމާއީލާއި އެ ރިސޯޓުގެ އެހެން މުވައްޒަފުންތަކެއް ދޯނީގައި މާލެ ފަޅަށް ވަނުމުން، ހަނގުރާމަވެރިންނާ ދިމާވިއެވެ. "އެ ބޯޓުގައި ތިބުމަކީ ވެސް އެންމެ ރައްކާތެރިކަމެއް ކަމަށް ނުފެންނާތީ ސަލާމަތްވާނެ ގޮތެއް ފެނޭތޯ ބަލަން ފެށިއެވެ," އަބްދުﷲ ސައީދު ވިދާޅުވިއެވެ.
ދުޝްމަނުން ކަނޑުމަގުން ދާން މަސައްކަތް ކުރި ނަމަވެސް އިންޑިއާ މަނަވަރުތައް ދިޔައީ އެ މީހުންގެ ބޯޓާ ކައިރިކުރަމުންނެވެ. އިންޑިއާ މަނަވަރު އައިއެންއެސް ގޯދާވަރީން އިންޒާރުދެމުން ހަމަލާތައް ވަރުގަދަ ކުރި ކަމަށާއި އޭގެ ތެރެއިން ހަމަލާއެއްގައި އިސްމާއީލް ރަޝީދުގެ ވާތުކޮނޑާދިމާއިން ބުރަކަށްޓަށް އެއްޗެއް ވަދެ ފަޅައިގެން ދިޔައެވެ. އަދި ބޮލުގެ ވާތްފަރާތުގެ އަރިމަތިން ބޮޑުތަނެއް ފަޅައިގެން ގޮސް، ބުރަކަށީގެ ވާތްފަރާތުން ތަނެއް ކަފައިގެންގޮސް، ވާތުފައިތިލަ ވެސް ޒަޚަމުވިއެވެ.
އިސްމާއީލްގެ ނިޔާވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ މަރުހޫމްގެ ޢާއިލާއަށް ތަޢުޒިޔާ ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ