މީޑިއާ ކޮމިޝަނަށް މަޖިލީހުން ތިން މެންބަރުން އައްޔަނުކޮށްފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމަށް އައްޔަންކުރަން، މިހާރު އުވާލާފައިވާ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ރައީސް ސަފާ ޝަފީގު ހިމެނޭހެން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ތިން ބޭފުޅުންނަށް މަޖިލީހުން މިއަދު ރުހުންދީފި އެވެ.މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އެ ކޮމިޝަނަށް އައްޔަނުކުރަން ވޯޓަށް އެހީ ބްރޯޑްކޮމްގެ ކުރީގެ ރައީސް، ސަފާ ޝަފީގާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު، އާމިނަތު ސަރާހަތު އިއްޒަތުގެ އިތުރުން މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ފަރުޝަތަށެވެ.ވޯޓުގައި ބައިވެރިިވި 63 މެންބަރުންގެ ތެރެއިން 54 މެންބަރަކު ފަރުސަތާއި ސަފާއާއި ސަރާހަތު، އާ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ކަމަށް ވޯޓުދެއްވިއިރު، ތިން ބޭފުޅުން އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ ނުވަ މެންބަރެކެވެ.ފާހަގަކުރެވޭ ގޮތުގައި މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަނަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ ފަރާތުން މެންބަރުން އައްޔަންކޮށްފަ އެވެ.ކޮމިޝަނަށް މިއަދު މަޖިލީހުން ފާސްކުރި ތިން މެންބަރުންނާ އެކު ކޮމިޝަންގެ މެންބަރުންގެ އަދަދު މިހާރު މި ވަނީ ހަމަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ