ލަންޑަން (އޮކްޓޫބަރު 31) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމްއާ ބެހޭގޮތުން މިދިޔަަ އަހަރު އޭނާ ދެއްކި ވާހަކަތައް އޮޅުވާލީ މީޑިއާ އިން ކަމަށް ދާދި ފަހުން ނޮޓިންހަމް ފޮރެސްޓްގެ ކޯޗަކަށް ހަމަޖެއްސި ޝޯން ޑައިޝް ބުނެފި އެވެ. 
މިދިޔަ އަހަރު ޓީވީ ޕަންޑިޓެއްގެ ގޮތުގައި މަސައްކަތްކުރަމުން، ބާންލީ އާއި އެވަޓަންގެ ކުރީގެ ކޯޗު ޑައިޝް ބުނެފައިވަނީ، 4-4-2 ފޯމޭޝަނަށް ކުޅެމުން، ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި ހުރެ، އަމޮރިމް އަށް ވުރެން ގިނަ މެޗުތަކުން މޮޅުވެވޭނެ ގޮތުގެ ރޭވުން އޭނާ އަށް އެނގޭ ކަމަށް ބުނެފަ އެވެ. 
ޑައިޝް އަކީ މިި ސީޒަން ފެށި ފަހުން ފޮރެސްޓަށް ކޯޗުކޮށްދޭނެ ތިން ވަނަ ކޯޗެވެ. މި ހަފްތާގައި ލީގުގައި ޔުނައިޓެޑާ ދެކޮޅަށް ފޮރެސްޓުން ކުޅޭ މެޗުގެ ކުރިން، މީޑިއާ އިން ވަނީ މިދިޔަ އަހަރު ޑައިޝް ދެއްކި ވާހަކަތަކާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.  
"އަހަރެން ފާޑުކީ އޭނައާ ބެހޭގޮތުންނެއް ނޫން، އަހަންނަކީ އެއްގޮތަކަށް ވެސް އެކަން ކުރާނެ މީހެއް ނޫން. ކްލިކްބެއިޓް ގޮތަށް (މާނަ އޮޅޭގޮތަށް) މީޑިއާ އިން މައުލޫމާތުތައް ގެނެސްދިނުމަކީ ހުރިހާ ކަމެއްގެ އަސްލު މަރާލާ ކަމެއް. އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުރި އަހަރެން ވާހަކަ ދެއްކި އަސްލު ކަމަކީ، މެނޭޖަރުންނަށް (ކޯޗުންނަށް) ގިނަ ވަގުތު ލިބެންޖެހޭ ކަމަށް ބުނެ، އެ އަށް ވަކާލާތު ކުރީ،" ޑައިޝް ބުންޏެވެ. 
ޑައިޝް ބުނީ، ޔުނައިޓެޑްގައި އޮތް މީޑިއާ ޓީމުން އަމޮރިމް އަށް މި ހުރިހާ ކަމެއްގެ ހަގީގަތް ރަނގަޅަށް ސާފުވާނެ ގޮތަށް އޮޅުންފިލުވައިދީފައިވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި، ޔުނައިޓެޑްގައި އަމޮރިމް މިހާރު ހޯދަމުން އަންނަ ކުރިއެރުމަށް ޑައިޝް ވަނީ ތައުރީފުކޮށްފަ އެވެ. 
"އޭނަ (އަމޮރިމް) އަމިއްލަ ފިލޯސަފީ ބަދަލެއްނުކޮށް، ރަނގަޅު މަސައްކަތް ކުރުމުގެ ނަތީޖާ މިހާރު ޔުނައިޓެޑްގެ މެޗުތަކުން އެ ފެންނަނީ،" އެންމެ ފަހުން ޔުނައިޓެޑުން ކުޅުނު ތިން މެޗުން މޮޅުވުމަށް އިޝާރާތްކޮށް، ޑައިޝް ބުންޏެވެ. 
ލީގުގައި ޔުނައިޓެޑާއި ފޮރެސްޓުން ކުޅޭ މެޗު އޮންނާނީ މާދަމާރޭ 20:00 ގަ އެވެ.
    
    ޑައިޝް ބުނީ އަމޮރިމްއާ ބެހޭގޮތުން ދެއްކި ވާހަކަ އޮޅުވާލީ މީޑިއާ އިން ކަމަށް ޑައިޝް ބުނީ އަމޮރިމްއާ ބެހޭގޮތުން ދެއްކި ވާހަކަ އޮޅުވާލީ މީޑިއާ އިން ކަމަށް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            