ރާއްޖޭގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ މަޝްރޫއު ހަވާލުކުރުމުގެ ރިކޯޑު ހެދުމުގެ ނިޔަތުގައި މިއަދު ބަހާލި ޕްރޮޖެކްޓުތަކުގެ ތެރެއިން، ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު ހަވާލުކުރީ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުاللهގެ ދަރިކަނބަލުންނާއި އޭނާގެ އަނބިކަނބަލުންގެ ކުންފުނިކަން އެނގިއްޖެ އެވެ.
ފޮނަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު މިއަދު ހަވާލުކުރީ ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް ވައިޓް ލިންކްސްއާ ހަވާލުކުރީ 139،295،700ރ. އަށެވެ.
ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުގެ މައުލޫމާތު ފެންނަން ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން އެނގޭ ގޮތުގައި ވައިޓް ލިންކްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އަބްދުއްރަހީމްގެ ދަރިކަނބަލުން، ފާތިމަތު ސޮބާހާ އެވެ. އަނބިކަނބަލުން ދިޔާނާ ހުސެއިން އަކީ އެ ކުންފުނީގެ ޑިރެކްޓަރެކެވެ.
ފޮނަދޫގައި ހުންނަ އަބްދުއްރަހީމްގެ ގެކޮޅު، އަރާއިރުގައި ހިންގާ އަރާފާ ޓްރޭޑާސް އާއި އަރާފާ ހާޑްވެއާ އަކީ ވައިޓް ލިންކްސް ކުންފުނީގެ ދަށުން ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ނަންތަކެވެ. އޭގެއިތުރުން ވެސް އެ ކުންފުނީގެ ދަށުން ފްރެޝް މާޓް، ވައިޓް ވިންޑް، ޓީ ޕޯޓް، ކެފޭ އިޒޯލާ އަދި އަރާފާ މާޓް ވެސް ރެޖިސްޓްރީ ކޮށްފައިވެ އެވެ.
ހައުސިން ޔުނިޓުތަކެއް އަޅަން ވައިޓް ލިންކްސް ކުންފުންޏާ ހަވާލުކުރިއިރު، އެ ކުންފުންޏަކީ މީގެ ކުރިން އެފަދަ އެއްވެސް މަސައްކަތެއް ކޮށްފައިވާ ކުންފުންޏެއް ނޫންކަން ބިޒްނެސް ޕޯޓަލްއިން އެނގެ އެވެ. އެ ކުންފުނިން މީގެ ކުރިން ކޮށްފައި ވަނީ ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު ހޯލްސޭލް ކުރުމާއި ހާޑްވެއާ އަދި ކާބޯތަކެތި ރީޓެއިލް ކުރުމުގެ އިތުރުން ބައެއްކަހަލަ މެޝިނަރީޒް ކުއްޔަށް ދިނުމުގެ މަސައްކަތެވެ.
ވާދަވެރި ބީލަމަކަށް ނުގޮސް 53 ކުންފުންޏަކަށް 206 މަޝްރޫއު މިއަދު ބަހާލި އެވެ. އެ މަޝްރޫއުތަކުގެ ޖުމުލަ އަގު 2.7 މިލިއަން ރުފިޔާއަށް އަރަ އެވެ.
އެ މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި، ސިއްހަތާއި ތައުލީމާއި، ކުނި މެނޭޖްކުރުމުގެ އިތުރުން ކުޅިވަރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނެ އެވެ. އޭގެތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއެއްގެ އަގު 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.
މަޝްރޫއުތަކުގެ އަދަދު އެންމެ ގިނައީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގަ އެވެ. އެ ދާއިރާގެ 52 މަޝްރޫއުއެއްގައި މިއަދު ސޮއިކުރިއިރު، މަޝްރޫއުތަކުގެ އަގު 197 މިލިއަން ރުފިޔާއަށް އަރަ އެވެ.
ފުލުސް ޕޯސްޓާއި މަރުކަޒުތައް ހިމެނޭ ގޮތަށް ޖުމުލަ 39 މަޝްރޫއުއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރިއިރު، މަޝްރޫއުތަކުގެ ޖުމްލަ އަގު 114.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުނި މެނޭޖުކުރުމުގެ 24 މަޝްރޫއުއެއްގެ އަގު 204 މިލިއަން ރުފިޔާ އަށް އަރައެވެ.
މިއަދު މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ފައިސާ ލިބެނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށެވެ. އެ ކުންފުންޏަށް 285.7 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކުރިއިރު، ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑްއަށް 171.3 މިލިއަން ރުފިޔާ، އަލާފް ޕްރައިވެޓް ލިމިޓެޑްއަށް 159.6 މިލިއަން ރުފިޔާ އަދި ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްއަށް 157.3 މިލިއަން ރުފިޔާގެ މިއަދު ހަވާލުކުރި އެވެ.
ބަހާލި ޕްރޮޖެކްޓުތައް: ފޮނަދޫގައި 100 ހައުސިން ޔުނިޓުތަކެއް އަޅަން އަބްދުއްރަހީމްގެ ދަރިފުޅާއި އަނބިކަނބަލުންގެ ކުންފުންޏަށް ބަހާލި ޕްރޮޖެކްޓުތައް: ފޮނަދޫގައި 100 ހައުސިން ޔުނިޓުތަކެއް އަޅަން އަބްދުއްރަހީމްގެ ދަރިފުޅާއި އަނބިކަނބަލުންގެ ކުންފުންޏަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ