ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މައިކްރޯ-ފައިނޭންސިންގ ޕްރޮޑަކްޓް ތައާރަފްކުރުމަށް ތައްޔާރުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލުން ބުނީ އަލަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ މި މާލީ ސްކީމްގެ ދަށުން 100،000 ރުފިޔާއާ ހަމައަށް 2.5 އިންސައްތައިގެ ރޭޓެއްގައި މާލީ އެހީތެރިކަން ލިބޭނޭކަމަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް މިހާ ކުޑަ ރޭޓެއްގައި މާލީ އެހީތެރިކަން ދޫކުރާ ފުރަތަމަ ސްކީމެވެ. މި ސްކީމް ތައާރަފްކުރުމަށް ނިންމާފައިވަނީ އަންނަ ޖެނުއަރީމަހުގެ ތެރޭގައެވެ.
ބީއެމްއެލުން ބުނީ މި ފައިނޭންސިންގ އަގުހެޔޮކޮށް
އަދި ދިގުމުއްދަތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމާއި ވިޔަފާރި ދެމެހެއްޓެނިވި
ގޮތެއްގައި ހިންގޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނޭ ކަމަށެވެ. އަދި ގްރޭސް ޕީޜިއަޑްގެ ގޮތުގައި 12 މަސްދުވަސް ލިބެއެވެ. ބީއެމްއެލުން ބުނީ މި ފައިނޭންސިންއަށް އެދި ހުށަހެޅުމަށް އެޕްލިކޭޝަން ފީ އެއް ނުވަތަ ޕްރޮސެސް ކުރުމަށް އެއްވެސް ފީއެއް
ނުނަގާނޭކަމަށެވެ. ވިޔަފާރިއެއް ފެށުމަށް ނުވަތަ ވިޔަފާރި ކުރިއެރުވުން ފަދަ އެކި
ބޭނުންތަކަށް މި ފައިނޭންސިންގ އެދި ހުށަހެޅޭނެއެވެ.
މި ސްކީމާ ގުޅޭގޮތުން ބީއެމްއެލްގެ
ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އިސްލާމިކް
ސޯޝަލް ފައިނޭންސިންގައި އިސްނަގައި، ރާއްޖެއަށް މުޅިން އަލަށް މިފަދަ
ޕްރޮޑަކްޓެއް ތައާރަފްކުރެވޭކަމީ ބީއެމްއެލަށް ލިބޭ ފަޚުރެއްކަމަށެވެ. އަމާޒަކީ ހުރިހާ އެންމެންނަށް ވެސް ފަހި ފުރުސަތުތައް ލިބޭނެ
ގޮތަށް މާލީ ނިޒާމު ބައްޓަންކުރުންކަމަށް ޝަރީފް ވިދާޅުވިއެވެ.
" މިއީ އެބައެއްގެ ފުރިހަމަ ޕޮޓެންޝަލް އަށް
ވާސިލްވުމަށާއި ކުދި ވިޔަފާރިތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ހެދުމަށް
ކުރެވޭ އިންވެސްޓްމެންޓެއް. މީގެ ސަބަބުން މުޅި ގައުމަށް އޭގެ ފައިދާލިބި، ވިލުންތެރި
އިގްތިސާދެއް ބިނާކުރުމުގައި ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރުމަށް މަގުފަހި
ވެގެންދާނެ" ޝަރީފް ވިދާޅުވިއެވެ.
މި
ޕްރޮޑަކްޓަކީ އާންމު އުސޫލުގެ ތެރެއިން
ބޭންކުތަކުންދޭ ޚިދުމަތްތަކަށް ކުރިމަތިނުލެވޭ ފަރާތްތަކަށާއި އަލަށް ވިޔަފާރި
ފަށާ ފަރާތްތަކާއި، ބޭންކުތަކުން އާންމުކޮށް ފައިނޭންސިންގ ޚިދުމަތްތައް ހޯދުމުގައި
ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް އަމާޒުކޮށްފައިވާ ފައިނޭންސިން ސްކީމެކެވެ. އަދި ޝަރީޢާ
ކޮމްޕްލައިންޓް ހަމަތަކުގެ މަތިން ދެވޭ މި ފައިނޭންސިންގއާއެކު މުޖުމަތައަށް ބޭނުންވާ
ތަފާތު އެކި ކަންކަން ފުރިހަމަކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ފަރުދުންނާއި
މާލީ ދާއިރާއާ ދެމެދު އޮންނަންޖެހޭ ގުޅުން އިތުރަށް ހަރުދަނާވެ، ރަސްމީ ބޭންކިންގ ދާއިރާއާ
ދެމެދުގައިވާ ހުސްކަން ފޫބައްދައިދޭނޭކަމަށްވެސް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން ބުނީ އަންނަ
ޖަނަވަރީ މަހު ބޭންކުގެ ޝަރީޢާ ކޮމްޕްލައިންޓް ސަބްސިޑަރީ އެސްއެމްއީ ޑިޖިޓަލް އިންވެސް މި ފައިނޭންސިންގއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނޭ ކަމަށެވެ.
ބީއެމްއެލުން ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މައިކްރޯ-ފައިނޭންސިންގ ޕްރޮޑަކްޓް ތައާރަފްކުރުމަށް ތައްޔާރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ